ކުށްތަކަށް އަރައިގަންނަ ކުދިންގެ މައްސަލަ ހައްލުކުުރުމަށް އެކްޝަންޕްލޭނެއްގެ ޑްރާފްޓު އެކުލަވާލައިފިއެވެ.
އެ ޑްރާފްޓް އެކުލަވާލީ ”ކޮންފަރެންސް އޮން އެޑްރެސިންގ ޔޫތު އެންޑް ސަޕޯޓިންގ އެޓް-ރިސްކް ޗިލްޑްރަން އިން އއ. އެޓޯލް" ކޮންޕަރެންސްގައެވެ.
މިމަހުގެ 23 އަދި 24ގައި އުކުޅަހުގައި އެ ކޮންފަރެންސް ބާއްވާފައިވަނި ދިވެހި ފުލުހުންގެ ހިދުމަތުގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަނާއި ޔުނިސެފް މޯލްޑިވްސް ގުޅިގެންނެވެ.
އެ ކޮންފަރެންސްގައި، އަތޮޅުގައި ކުށްކުރާ ކުޑަކުދިން އަދި ކުށުގެ މާހައުލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިންގެ ހާލަތު، މަސްތުވާތަކެތީގެ ޝިކާރައަށްވެފައިވާ ކުދިންގެ ހާލަތު، ގެވެށި އަނިޔާގެ މައްސަލަތައް، ބްލެކްމެއިލް ކުރުން އަދި ބުލީކުރުމުގެ މައްސަލަ އޮތް މިންވަރާމެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރި ކަމަށާއި އަދި އެ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އެކްޝަންޕްލޭނެއްގެ ޑްރާފްޓު އެކުލަވައިލާފައިވާ ކަމަށް ދާހިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އެ ކޮންފަރެންސްގައި، ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު، ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް އަދި ކަމާ ގުޅުންހުރި އެހެނިހެން ޑިޕާޓްމަންޓުތަކުގެ އިސް ވެރިންނާއި އެހެނިހެން ފުލުހުންގެ އިތުރުން ނޯތު ސެންޓްރަލް ޕޮލިސް (ކ. އއ. އދ. ވ) އަތޮޅު ކޮމާންޑަރުންނާއި، އއ. އަތޮޅުގެ ފުލުހުންގެ މަރުކަޒުތަކުގެ އިންޗާޖުންނާއި ޔުނިސެފްގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.

