ރާއްޖޭގައި ބޭނުން ކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމު ކުރުމަށް މި ސަރުކާރުން ފަށާފައިވާ ބޮޑު ޕްރޮޖެކްޓަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު، އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މުނައްވަރު އެފަދައިން ވިދާޅުވީ، މިހާރު ވޮޝިންޓަންގައި ކުރިއަށްދާ ވޯލްޑްބޭންކް އަދި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގެ ރިޔާސަތު މިއަހަރު ބަލަހައްޓަނީ ޗެއާ އޮފް ދަ ބޯޑް އޮފް ގަވާނާސް އޮފްދަ ވޯލްޑް ބޭންކް އެންޑް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ހައިސިއްޔަތުން ދިވެހިރާއްޖެއެވެ.
މުނައްވަރުގެ ތަގުރީރުގައި ދޭދޭ ގައުމުތަކުން އިގްތިސާދީ މަސައްކަތްތަކުގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލައްވާފައިވެއެވެ. އަދި މީގެ 80 އަހަރުކުރިން ބޭއްވުނު ބޯޑު އޮފް ގަވަރުނަރުންގެ އެންމެ ފުރަތަމަ ބައްދަލުވުމުގައި ޔޫއެސް ޓްރެޝަރީ ސެކެރެޓަރީ ޖޯން ޑަބުލިއު ސްނައިޑާ ވިދާޅުވި ވާހަކަ ތަކުރާރުކުރައްވައި ވިދާޅުވީ އައިއެމްއެފް އަދި ވޯލްޑް ބޭންކާ ގައުމުތަކުން ގުޅިފައިވަނީ ހަމައެކަނި އެ އިދާރާތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ނޫންކަމަށެވެ. އެހެނީ ގައުމުތަކުގެ އިގްތިސާދީ މުސްތަގުބަލު މި މުއައްސަސާތަކުގެ ކާމިޔާބީއާ ގުޅިފައިވާކަމަށެވެ.
"2028 ވަނަ އަހަރު ދިވެހިރާއްޖޭގައި 33 އިންސައްތަ ކަރަންޓް އިއާދަކުރުވަނިވި ހަކަތައިން އުފެއްދުމަށް ވަނީ އަޒުމް ކަނޑައަޅާފަ. މި މަޝްރޫއުއަށް ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާއިރު، އަދި މިހާތަނަށް ހިލޭއެހީގެ ގޮތުގައި ލިބިފައިވަނީ އެންމެ 13 އިންސައްތަ" މުނައްވަރު ވިދާޅުވިއެވެ.
ގަވަރުނަރުގެ ވިދާޅުވީ އިގްތިސާދީ ގޮތުން ގޮންޖެހުން ބޮޑު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ޚާއްސަގޮތެއްގައި ތިންކަމެއް ފާހަގަކުރެއްވިއެވެ. އެއީ މޫސުމީ ބަދަލުތަކާއި ދަރަނި މެނޭޖްކުރުމާއި ނިޒާމީ ބަދަލުތަކެވެ. ގަވަރުނަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރަނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކަމަށެވެ. އެއާއެކު ރާއްޖޭން އިއާދަކުރުވަނިވި ހަކަތަ އުފެއްދުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރެއްވިއެވެ.
އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުމުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމަށް ހޭނުމުގެ އިތުރުން މާލީ ގޮތުން ވެސް ފައިދާތަކެއް ވެގެންދާ ކަމަށާއި އެގޮތުން ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަވުމަކީ ރާއްޖެ ފަދަ ގައުމަކުން ބޭރުފައިސާ ޚަރަދުކުރަންޖެހޭ މިންވަރު މަދުވެގެންދާ ކަމެއްކަން ފާހަގަކުރެއްވިއެވެ.
ގަވަރުނަރު ވިދާޅުވީ އައިއެމްއެފްގެ ރެސިލިއަންސް އެންޑް ސަސްޓެއިނަބިލިޓީ ފަންޑް އިން މިހާރު ވެސް ތައުރީފު ހައްގު މަސައްކަތްތަކެއް މިދާއިރާއިން ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާގައުމުތަކަށް ބުރައަކަށް ނުވާނޭގޮތަށް މޫސުމީ ގެއްލުންތަކުން އަރައިގަތުމަށާއި އިއާދަކުރުވަނިވި ހަކަތައަށް ބަދަލުވުމަށް އެހީވުމަށް އިތުރު އިންތިޒާމުތައް ހަމަޖެއްސުން މުހިންމުކަމަށެވެ. އަދި މި ކަމުގައި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އާ ސްޓްރެޓެޖީތައް އެކުލަވާލުން މުހިންމުކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.
ތަރައްގީވަމުން އަންނަ އިގްތިސާދުތަކުގެ ތެރެއިން ތިން ބައިކުޅަ ދެ ބަޔަކީ ބޮޑު ދަރަނިތަކެއް ތަހައްމަލްކުރަމުންދާ ގައުމުތަކެއް ކަމަށް ވެސް މުނައްވަރު ވިދާޅުވިއެވެ. އެހެންކަމުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާގައުމުތަކުގެ ބޭނުންތަކާއި ގައުމުތަކުގެ ހާލަތަށް މިހާރަށްވުރެ ބޮޑަށް ވިސްނަންޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ބޮޑަށް ދަރަނިވެރިވެފައިވާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް ވޯލްޑް ބޭންކާއި އައިއެމްއެފުން އަދި މަލްޓިލޭޓަރަލް ބޭންކްތަކުން އަޅަންޖެހޭ ކަމަށް ވެސް މުނައްވަރު ވިދާޅުވިއެވެ. އަދި ކްލައިމެޓް އެޑަޕްޓޭޝަނަށް އިންވެސްޓްކުރާ ގައުމުތަކުގެ ދަރަނި ލުއިކޮށްދެވޭނެގޮތެއް ރާވަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ތަރައްގީވަމުން އަންނަ އިގްތިސާދުތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި ހަމަހަމަ ފުރުސަތުތަކެއް ދިނުމަށާއި އިގްތިސާދު ސިންދަފާތުކުރުމަށް ވިސްނަންޖެހޭ ކަމަށް ވެސް މުނައްވަރު ވިދާޅުވިއެވެ.
ވޯލްޑްބޭންކް އަދި އައިއެމްއެފް ފަދަ ތަންތަނުން ކުރިމަގުގެ ޕްލޭންތަކާއި ހަރަކާތްތައް ރޭވިގެންދާއިރު ކޮންމެ މެމްބަރު ގައުމެއްގެ ބޭނުންތަކާއި ކެޕޭސީޓިއަށް ފެތޭގޮތަށް އެ ކަންކަން ޚާއްސަކުރެވިގެން ދިއުމަކީ މުހިއްމުކަމެއްކަމަށް ވެސް މުނައްވަރު ވިދާޅުވިއެވެ. މިކަންކަން މިމަގުން ނުކުރެވިއްޖެނަމަ އެނުއަލް މީޓިންގްސްގެ ފުރަތަމަ ޗެއާ ޖޯން ސްނައިޑާ ފާހަގަކުރައްވާފައިވާ ގޮތަށް އަޅުގަނޑުމެން ރައްޔިތުންގެ އުންމީދު ތަމްސީލުކުރުމަށް އަޅުގަނޑުމެން ފެއިލްވީކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

