ކަނޑުގެ ވެށި ހިމާޔަތްކުރުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ޗައިނާގެ ޝަންޑޮން ޕްރޮވިންސްގެ ގަވަރުނަރު ޒައު ނައުޒިއަންގްއާ މަޝްވަރާކޮށްފިއެވެ.
އެ މަޝްވަރާތައް ކޮށްފައިވަނީ ދުނިޔޭގެ ފެންވަރުގައި ކަނޑުގެ ވެށި ހިމާޔަތްކުރުމުގެ ގޮތުން ޗައިނާގައި މިހާރު ކުރިއަށްދާ ގްލޯބަލް އޯޝަން ޑިވެލޮޕްމެންޓް ފޯރަމްގެ ހަވާސާގައެވެ. އެ ދަތުރުފުޅުގެ ތެރެއިން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ޗައިނާގެ ޝަންޑޮން ޕްރޮވިންސްގެ ގަވަރުނަރު ޒައު ނައުޒިއަންގްއާ ވަނީ ބައްދަލުކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދުނިޔޭގެ ފެންވަރުގައި ކަނޑުގެ ވެށި ހިމާޔަތްކުރުމުގެ މުހިންމުކަމާއި އެކަމަށްޓަކައި ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން ވާހަކަފުޅުދެއްކެވި ކަމަށެވެ.
އަދި ކަނޑުގެ ވެށި ކިލަނބުވުމަށް މެދުވެރިވާ ކަންތައްތަކުން ކަނޑުގެ ވެށި ސަލާމަތްކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދެބޭފުޅުން ފާހަގަކުރެއްވި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމް ޝަރަފުވެރިކޮށްދެއްވުމަށް ދައުވަތު ދެއްވިކަމަށްޓަކައި ގަވަރުނަރާއި ޗައިނާ ސަރުކާރަށް ނާޒިމް ޝުކުރު އަދާކުރެއްވި ކަމަށް މަޖިލީހުން ވިދާޅުވެއެވެ
މަޖިލީހުން ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި، ނައިބު ރައީސާއެކު މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އޮނަރަބަލް އަހްމަދު ޝިޔާމްވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އަދި އެބައްދަލުކުރެއްވުމަށްފަހު، މި ފޯރަމްގެ ބައިވެރިންނަށް ގަވަރުނަރު ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގައި، ދިވެހި ވަފުދުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

