ދަރިވަރުންގެ ކާޑު ލިމިޓް 1،200 ޑޮލަރަށް ބޮޑުކުރުމުން ސަރުކާރުގެ ޝުކުރު ބީއެމްއެލްއަށް

ދަރިވަރުންގެ ކާޑު ލިމިޓް 1،200 ޑޮލަރަށް ބޮޑުކުރުމުން ސަރުކާރުގެ ޝުކުރު ބީއެމްއެލްއަށް

ރާއްޖެއިން ބޭރުގައި ކިޔަވާކުދިންގެ ބީއެމްއެލް ކާޑުގެ ލިމިޓު 750 އެމެރިކާ ޑޮލަރުން، 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ނިންމެވުމާއެކު، ސަރުކާރުން އެ ނިންމެވުމަށް ޝުކުރު ދަންނަވައިފިއެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓް އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 1،200 ޑޮލަރަށް ބޮޑު ކުރަން ނިންމާވަފައިވާ ކަމަށެވެ.

ބީއެމްއެލްގެ އެ ނިންމެވުމާއި ގުޅިގެން ރައިސް އޮފީހން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، އަދި ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލުކޮށްދެއްވުމުގައި، ރައިސް ޑރ. މުހައްމަދު މުއިއްޒު، ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ބީއެމްއެލްއިން ދެއްވާ އެއްބާރުލެއްވުމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރާ ކަމަށެވެ.

މިގޮތުން، 24 ޑިސެމްބަރު 2023 ގައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރަން ފެށްޓެވުމަށް ފުރަތަމަ ކުރައްވާ ކަމެއްގެ ގޮތުގައި މިގޮތަށް ނިންމެވެމަކީ އެ ކުދީންނަށާއި އެ ކުދީންގެ އާއިލާތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

"ދިވެހި ގައުމުގެ ތަރައްގީގައި އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ، މާލީ މުއާމަލާތްތައް ފަސޭހަކޮށްދިނުމުގައި ބީއެމްއެލްގެ ދައުރު ފުޅާކުރުމަށް ސަރުކާރުން އަބަދުވެސް ވާގިވެރިވަމުން ދާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން،". އެ ބަޔާނުގައި ވެއެވެ.

އަދި ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ދަރަނި ކުޑަކޮށް، ދައުލަތަށް ލިބޭ އާމުދަނީގެ މަންފާ ރައްޔިތުންނަށް އިތުރުވަމުންދާނެ ތިޔާގި ދުވަސްތަކެއް ގައުމަށް ހޯދައިދިނުމަށް ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތައް ހަރުދަނާކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް އިސްކަން ދެމުން ގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *