ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، ސަމޯއާގެ ބޮޑުވަޒީރު ފިއާމޭ ނައޯމީ މަޓައާފާގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސާއި ސަމޯއާގެ ބޮޑުވަޒީރު ވަނީ، ކޮމަންވެލްތު މެންބަރު ޤައުމުތަކުގެ ހައިސިއްޔަތުންނާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހައިސިއްޔަތުން ދެ ޤައުމުން ހިއްސާކުރާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފައެވެ.
އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާއި ލާސާނީ ސަޤާފަތްތައް ހިމާޔަތްކުރުމުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އެއޯސިސް)ގައި ސަމޯއާ އިން އަދާކުރައްވަމުން ގެންދަވާ އިސް ދައުރު ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ސަމޯއާއިން ދިވެހި ވަފުދަށް ދެއްވަމުންގެންދަވާ ފުރިހަމަ މެހުމާންދާރީއަށް ޝުކުރު އަދާކުރައްވައިފައެވެ.
ނައިބު ރައީސް ސަމޯއާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން 2024 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.
ދިވެހިރާއްޖެ އާއި ސަމޯއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 2 އޮގަސްޓު 1993 ގައެވެ.

