ހޯމް މިނިސްޓަރ އިހުސާން - ފޮޓޯ: ދަ އެޑިޝަން

މަރުގެ ހުކުމް ތަންފީޒު ކުރުމަށް ދަނީ ތައްޔާރުވަމުން: އިހުސާން

މަރުގެ ހުކުމް ތަންފީޒު ކުރުމަށް ދަނީ ތައްޔާރުވަމުން: އިހުސާން

މަރުގެ ހުކުމް ތަންފީޒު ކުރުމަށް ތައްޔާރުވަމުންދާއިރު، މިހާރުވެސް ދެ މީހަކަށް އެފަދަ ހުކުމެއް ކުރެވޭ ވަރަށް ކަންކަން ގޮސްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ސަރުކާރަކީ މަރުގެ އަދަބު ތަންފީޒުކުރުމަށް ނިންމާފައިވާ ސަރުކާރެއް ކަމަށް މީގެ ކުރިންވެސް އިހުސާން ވިދާޅުވެފައި ވެއެވެ.

"އަޅުގަނޑުމެން އެކަމާއި ގުޅޭގޮތުން ކުރަން ޖެހޭ ކަންކަމާއި ބަލަންޖެހޭ ކަންކަން ބަލާފައި ރާއްޖޭގެ ގާނޫނާއި އިމުގެ ތެރެއިން އެކަން ކުރާނަން." އިހްސާން މިދިޔަ ޑިސްމްބަރު މަސް ތެރޭގައި ވިދާޅުވެފައި ވެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ، ރާއްޖެއަކީ އިސްލާމީ ގައުމެއްކަމާއި، ރާއްޖޭގައި ކަނޑައެޅޭ ހުކުމްތައް އިސްލާމް ދީނުގައި އޮންނަ ގޮތަށް ތަންފީޒު ކުރާނެ ކަން ރާއްޖޭގެ ހިއުމަން ރަައިޓްސް ރިވިއުގައިވެސް އަންގާފައިވާނެ ކަމަށެެވެ.

މިގޮތުން މަރުގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި، ބަލަން ޖެހޭ ހުރިހާ މިންގަނޑުތަކެއް ހުންނައިރު، އޭގެ ތެރޭގައި އެ މީހާ ކޯޓުން ގޮސް، އެެ އޮންނަ ހުރިހާ މަރުހަލާއެއް ނިމި، އެ މީހާއަށް ދެވޭ އަދަބަކީ އިޔާދަ ނުކުރެވޭ އަދަބަަކަށްވާތީ، އެ ހުރިހާ މިންގަނޑަކުން ބަލަން ޖެހޭ ހުރިހާ ކަމެއް ނިމި ކަނޑައެޅޭ އުސޫލެއްގެ ދަށުން އެކަން ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ހުރިހާ ކަންތައްތަކެއް ނިމި، އަޅުގަނޑު ހަނދާންވާ ގޮތުން ނަމަ، ސުވާލު ނުއުފެދޭ މިންވަރަށް ދެ މީހެއްގެ މައްސަލަ އެބަ އުޅޭ، އަނެއް ބައި މީހުންގެ ކޮންމެވެސް ވަރެއްގެ ލީގަލް ގްރައުންޑްތަކެއް ނަގާފައި އެބަ ހުރި އެކިއެކި ތަންތަނުގައި،". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ދެން އޮތީ ތަންފީޒީ މަރުހަލާ ކަމަށާއި، އެއަށް ހަދަން ޖެހޭ އުސޫލުތަކާއި ގަވާއިދުތައް ހަދައި، ތަން ތައްޔާރުކޮށް، މީހުންވެސް ތަމްރީނު ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން ދޭން ކެރިދާނެ، މިހާރު އިއުލާން ކުރައްވާފައިވާ ގޮތަށް، އެކަން ކުރާނެ ރާއްޖޭގައި،". އޭނާ ވިދާޅުވިއެވެ.

އަދި މި މަސައްކަތް ނިމޭހާ އަވަހަކަށް، އެކަން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަރުގެ އަދަބު ރާއްޖޭގައި ތަންފީޒު ކުރުމަކީ މީގެ ކުރީގެ ގިނަ ސަރުކާރުތަކުން ވެސް ދައްކާފައިވާ ވާހަކަތަކެވެ. ޕީޕީއެމްގެ ކުރީގެ ސަރުކާރުން ވެސް މަރުގެ އަދަަބު ތަންފީޒު ކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެ ސަރުކާރަށް އެކަން ކާމިޔާބުވެފައެއްނުވެއެވެ.

ރާއްޖޭގެ ސްޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވާފައިވާ ފަސް މީހުން އެބަތިއްބެއެވެ. ނަމަވެސް އެ ހުކުމް ތަންފީޒު ނުކުރެވޭތީ އެ މީހުން ތިބީ މުޅި އުމުރު ދުވަހަށް ޖަލުގައި ބަންދުކޮށްފައެވެ.

އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގިސާސް ހިފުން ރާއްޖޭގެ ގާނޫނު އަސާސީގައި އޮތީ ތަންފީޒު ކުރުމަށް ހުރަސް އެޅޭގޮތަށް ކަމަށްބުނެ އެ ހުރަސް ކުރިމަތިވާ މާއްދާ ސުޕްރީމް ކޯޓުން ވަނީ ދާދި ފަހުން ބާތިލްކޮށްފައެވެ. އެ ކޯޓުން ބާތިލްކުރީ ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރެވެ.

އެ މާއްދާގައި ބުނަނީ ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެ މަތިން، ކުށެއް ސާބިތުކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތުކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާ ނަމަ، ގާނޫނުގައި ބަޔާންކުރާ މިންވަރަށް އެ ކުށެއް ސާބިތުވީ ކަމަކަށް ނުބެލެވޭނެ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *