އައިޕީޔޫގައި ބައިވެރިވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޖެނީވާއަށް ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެފައިވަނީ އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޖެނީވާއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
އެމަނިކުފާނު ފަރުވާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.
އެ ދަތުރުފުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އަރިހުގައި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުއާއި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ބައިވެރިވާ ކަމަށް މަޖިލީހުން ވިދާޅުވެއެވެ.
އައިޕީޔޫ އަކީ 157 ގައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމުއިއްޔާއެކެވެ. އައިޕީޔޫ 149 ވަނަ އެސެމްބްލީ ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 17 ގެ ނިޔަލަށެވެ.
އައިޕީޔޫއަކީ ރައްޔިތުންގެ މަޖިލީހަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާ އެކެވެ. ރާއްޖޭގެ ސިޔާސީ ކަންކަން ހަލަބޮލިވާ ވަގުތުތަކުގައި، މަޖިލީހުގެ މެމްބަރުންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅިގެން އެ ޖަމިއްޔާގެ އެއްބާރުލުން މީގެ ކުރިން ލިބިފައި ވެއެވެ.

