މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަށް ބޭނުންވާ ލައިސަންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ދީފިއެވެ.
ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އުފެއްދެއްވީ މި އަހަރުގެ މެއި 16 ވަނަ ދުވަހުގައެވެ. ޑިވެލޮޕްމަންޓް ބޭންކްގެ ޗެއާޕާސަންގެ މަގާމަށް އަރޫނީ ގޫނަތިލަކަ އަދި ސީއީއޯގެ މަގާމަށް ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވަނީ އައްޔަން ކުރައްވައިފައެވެ. އެ ދެ ބޭފުޅުންނަކީ ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި އެ ދާއިރާ އިން މަސައްކަތް ކުރައްވައި ތަޖުރިބާ ލިބިވަޑައިގެންނެވި ބޭފުޅުންނެވެ.
އެމްްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކަށް ބޭނުންވާ ލައިސަންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުއެވެ. މި ލައިސަންސާ ހަވާލުވެވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މި ބޭންކު ހުޅުވައި ހިދުމަތް ދޭން ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އާއި ހަކަތައިގެ ދާއިރާ އަދި ބިނާވެށީގެ ދާއިރާގެ އިތުރުން ތަރައްގީގެ އެހެނިހެން ދާއިރާތަކުންވެސް ރާއްޖޭގައި އިންވެސްޓް ކުރައްވާ ފަރާތްތަކަށް ހަބެއްގެ ގޮތުގައި ބޭނުން ކުރެވޭނެ މުހިންމު ބެންކަކަށްވެ، އެކަމުގެ ސަބަބުން ރާއްޖެއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި މި ބޭންކު ހުޅުވައި ހިދުމަތް ދޭން ފެށުމެވެ.
ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރަން ސަރުކާރުން ނިންމީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރު ކުރުމަކީވެސް މިފަދަ ބޭންކެއް ގާއިމްކުރުމުގެ އެއް ބޭނުން ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

