ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަށް ބަޖެޓުން ފައިސާ ދޭ ގޮތަށް ސިޔާސީ ޕާޓީގެ ޤާނޫނަށް އިސްލާހު ގެންނަން އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ
އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުގައި ހާމަކުރި ގޮތުގައި ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް ގެންނަން ފެންނަ އިޞްލާޙުތައް އެޓަރނީ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ. މި އިޞްލާޙުތަކަކީ 2019 ވަނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ އިޞްލާޙުތަކެކެވެ.
އީސީން ވިދާޅުވި ގޮތުގައި މި އިޞްލާޙުތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ދަޢުވަތުދީގެން 2024 އޮކްޓޫބަރު 8 ވީ އަންގާރަ ދުވަހު ވަނީ އިތުރު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ، އަދި ކޮމިޝަނުގެ ފަސް މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ގުޅުންހުރި ސެކްޝަންތަކުގެ ވެރިން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނަ އިޞްލާޙުތަކަށް އިތުރަށް މަޝްވަރާކޮށް ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ. ސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނަން މި ހުށަހަޅާ އިޞްލާޙުތަކުގެ ސަބަބުން، ސިޔާސީ ޕާޓީތަކުގެ ދަފްތަރު ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ ފުރުޞަތު ފަހިވެ، ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާވެ، އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން 10،000 އަށް ވުރެ ގިނަ މެންބަރުން ތިބޭ ޕާޓީތަކަށް މެންބަރުންގެ އަދަދުގެ ނިސްބަތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ޖެހެ އެވެ. މި ވަގުތު އެ އަދަދު ހަމަވާ ސިޔާސީ ހަ ޕާޓީއަށް ދައުލަތުން މިއަހަރު ވަނީ 44 މިލިއަން ރުފިޔާ ދޫކޮށްފައެވެ. ނަމަވެސް އެ އުސޫލު ބަދަލުކޮށް، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ޑްރާފްޓެއް މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ އެކުލަވާލައި އޭޖީއަށް ފޮނުވާފައެވެ.

