މީރާގެ ޓެކްސް ޕޭޔާ ސާވިސް ސެންޓަރ

މިދިޔަމަހު 2.3 ބިލިއަން ރުފިޔާ މީރާއަށް ބަލައިގެންފި

މިދިޔަމަހު 2.3 ބިލިއަން ރުފިޔާ މީރާއަށް ބަލައިގެންފި

ސެޕްޓެންބަރު މަހު މީރާއަށް 2.30 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ

މީރާއިން ވިދާޅުވީ މިދިޔަ މަހު މީރާއިން ބަލައިގެން އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 93.1 އިންސައްތަ މަތީ އަދަދެއް ކަމަށެވެ. އަދި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 28.7 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ..

މިދިޔަ އަހަރުގެ ސެޕްޓެމްބަރާއި އާއި އަޅައިބަލާއިރު، މި އަހަރުގެ ސެޕްޓެންބަރުގެ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ޖީޖީއެސްޓީ، ޓީޖީއެސްޓީ އަދި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުން ކަމަށް މީރާއިން ވިދާޅުވެއެވެ.

އޭގެ އިތުރުން ސެޕްޓެންބަރު މަހު ލިބިފައިވާ ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ލޭންޑް އެކުއިސިޝަން އެންޑް ކޮންވަރޝަން ފީގެ އަދަދު އިތުރުވުމުގެ ސަބަބުން މީރާއަށް ބަލައިގަނެފައިވާ ޖުމުލަ އަމްދަނީ އިތުރުވެފައިވާކަމަށެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ޖީއެސްޓީ އަދި ރިޒޯޓްތަކުގެ ކުލި ދެއްކުމުގެ ސުންގަޑި ސަރުކާރު ބަންދު ދުވަހަކާއި ދިމާވުމާއި ގުޅިގެން، އެ ފައިސާ ބަލައިގަނެފައި ވަނީ އެ އަހަރު އޮކްޓޫބަރުގައި ކަމަށެވެ. މި އަހަރުގެ ސެޕްޓެންބަރު މަހުގެ ސުންގަޑިއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވުމާއެކު ޖީއެސްޓީ، ކޯޕަރޭޓް އިންކަމް ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީ، ކުރީގެ ސުންގަޑިތަކަށް މި މަހު ލިބިފައިވުމަކީ، 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާއި އަޅައިބަލާއިރު މި އަހަރުގެ ސެޕްޓެންބަރު ގެ އާމްދަނީ އިތުރުވެފައިވާ ސަބަބެއް ކަމަށް މީރާއިން ވިދާޅުވެއެވެ.

"އަދި ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނަށް ގެނެވުނު 13 ވަނަ އިސްލާހާއި ގުޅިގެން ރިޒޯޓްތަކުގެ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ 99 އަހަރަށް އިތުރުކުރުމުގެ ސަބަބުން މި މަހު މީރާއިން ބަލައިގެން އާމްދަނީ ވަނީ އިތުރުވެފައި. ސެޕްޓެންބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި، ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ލޭންޑް އެކުއިސިޝަން އެންޑް ކޮންވަރޝަން ފީ މީރާއިން ބަލައިގަނެފައިވުން ހިމެނޭ. ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ މި މުއްދަތަށް ލިބޭނެކަމަށް އަނދާޒާކޮށްފައި ނުވާ ސަބަބަކީ، މި ފީއަކީ ތާވަލް ކޮށްގެން ނަގާ ފީއަކަށް ނުވުމާއެކު ޓެކްސް ދައްކާ ފަރާތްތަކުން މި ފީ ދައްކަނީ އަމިއްލަ އިހްތިޔާރުގައިކަމަށް ވުމުން." މީރާއިން ވިދާޅުވެއެވެ.

މީރާއިން ވިދާޅުވީ އަލަށް ކުއްޔަށް ދޫކުރި ރަށްތަކުގެ ލޭންޑް އެކުއިސިޝަން އެންޑް ކޮންވަރޝަން ފީގެ އާމްދަނީއާއެކު ޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ކުރީގެ ސުންގަޑިތަކަށް ބަލައިގަނެފައިވާ ފައިސާ ލިބިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން، މިދިޔަ މަހު ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8.1 އިންސައްތަ އިތުރުވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާކަށެވެ.

މިދިޔަ މަހު ގައި ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އިން ކަމަށް މީރާއިން ވިދާޅުވީ. އެއީ 44.5 އިންސައްތަ ނުވަތަ 1.02 ބިލިއަން ރުފިޔާ ކަމަށެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް އިން ކަމަށެވެ. އެއީ360.78 މިލިއަން ރުފިޔާ ކަމަށެވެ.

މީގެ އިތުރުން ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި 229.95 މިލިއަން ރުފިޔާ، އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 147.99 މިލިއަން ރުފިޔާ ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 101.78 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 409.95 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ވިދާޅުވެއެވެ.

މީރާއިން ވިދާޅުވީ ސެޕްޓެންބަރު ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 102.05 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *