ދިފާއީ ވަޒީރު ޣައްސާން - ފޮޓޯ: ރައީސް އޮފީސް

އަސްކަރީ ފުރިހަމަ ބާރު އޮންނާނީ ދިވެހިންގެ އަތުގައި، ބޭރުގެ އެއްވެސް ނުފޫޒެއް ނެތް: ޣައްސާން

އަސްކަރީ ފުރިހަމަ ބާރު އޮންނާނީ ދިވެހިންގެ އަތުގައި، ބޭރުގެ އެއްވެސް ނުފޫޒެއް ނެތް: ޣައްސާން

މިހާރު އަސްކަރީ ދާއިރާއިން ހިނގާ ހުރިހާ ކަމެއްގައި ފުރިހަމަ ބާރު އޮންނާނީ ދިވެހިންގެ އަތުގައި ކަމަށާއި، ބޭރުގެ އެއްވެސް ނުފޫޒެއް ރާއްޖޭގެ އަސްކަރީ ގޮތުން، ދިފާއީ ގޮތުން ނުފޯރުވޭނެ ކަން ކަށަވަރު ކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ

ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ޣައްސާން ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށެވެ. އެއީ ރައްޔިތުންނަށް ފައިދާވާނެ ވަރަށް ގިނަ ކަންކަން، އެމަނިކުފާނުގެ ބުރަ މަސައްކަތްޕުޅުން ހާސިލްކޮށްދެއްވާފާތީ ކަމަށް ޣައްސާން ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގްލާލަށް ޒައްރެއްގެ މިންވަރުވެސް ބުރޫ އަރާފާނެ ކަމެއް މި ދަތުރުފުޅުގައި ވެސް އަދި އެހެން ދަތުރުފުޅެއްގައިވެސް ރައީސް ކުރައްވާފައި ނުވާ ކަމަށް ޣައްސާން ވިދާޅުވިއެވެ.

"އެއްވެސް އެއްބަސްވުމެއްގެ ދަށުން ދިވެހިންގެ ފުރިހަމަ ސިޔާދަތީ ބާރު ގެއްލޭ ފަދަ، ނޫނީ ނުރައްކާވާފަދަ އެއްވެސް ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކުން ކުރައްވާފައެއް ނެތް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތް ކުރާނީ، އެމްއެންޑީއެފް އިން، ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް،".

އޭނާ ވިދާޅުވީ، އެ ވުޒާރާގެ ދަށުން ހިންގާ އެމްއެންޑީއެފްގެ ގާބިލިއްޔަތު އިތުރު ކުރުމުގެ މަސައްކަތް ރައީސް ކުރައްވަމުން ގެންދަވާއިރު، މި ދަތުރުފުޅުގައި ވެވުނު އެއްބަސްވުންތަކުގައިވެސް އޮތީ ރާއްޖެއިން އެދޭ ހާލަތްތަކުގައި އެެދޭ ގޮތަކަށް، ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތު އިތުރު ކުރެވޭނެ ވާހަކަ ކަމަށެވެ. އަދި އެއްވެސް ވަރަކަށް، އެ އެމްއެންޑީއެފްގެ ޒިންމާތައް އެހެން އެއްވެސް ގައުމަކާއި ހަވާލު ކުރާ ވާހަކައެއް ދެކެވިފައި ނުވާ ކަމަށްވެސް ޣައްސާން ވިދާޅުވެފައި ވެއެވެ.

"ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑުވަޒީރާއި އެއްކޮށް ބޭއްވެވި ބަސްދީގަތުމުގައި ހާމަކުރެއްވި ޑޮކިއުމެންޓަކީ ވާހަކަ ދެކެވުނު އެއްބަސްވެވުނު ކަންތައްތައް، އެއްވެސް ސިއްރެއް، ރައީސުލްޖުމްހޫރިއްޔާއެއް ދިވެހި ރައްޔިތުންގެ ކިބަޔަކުން ނުހިފަހައްޓަވާނެ،". ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ، މިހާރު ވަރަށް ގިނަ ބަދަލުތަކެއް އައިސްފައިވާކަމަށާއި، ފެނިގެން ދިޔައީ ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން މަޝްވަރާ ކުރައްވައިގެން، އިންޑިއާއަކީ ރާއްޖޭގެ ޒަމާނީ ރަހުމަތްތެރިއަކަށްވާތީ އެ ގައުމުގެ ވެރިންނާއި އެމަނިކުފާނު ވާހަކަފުޅު ދައްކަވައިގެން ދިވެހިންނަށް އެންމެ ފައިދާވާނެ ގޮތް ހޯއްދަވާ ދެއްވި ތަން ކަމަށެވެ.

"މިހާރު އަސްކަރީ ދާއިރާއިން ހިނގާ ހުރިހާ ކަމެއްގައި ފުރިހަމަ ބާރު އޮންނާނީ ދިވެހިންގެ އަތުގައި، ބޭރުގެ އެއްވެސް ނުފޫޒެއް ރާއްޖޭގެ އަސްކަރީ ގޮތުން، ދިފާއީ ގޮތުން ނުފޯރުވޭނެ، މިއީ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުންވާ ކަމެއް،". އޭނާ ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ބޭރުގެ އަސްކަރީ ބަޔަކު ނެތް ކަމަށާއި، ރާއްޖޭގައި ތިބީ ބޭރުގެ މަދަނި މީހުން ކަަަމަށްވެސް ޣައްސާން ވިދާޅުވެފައި ވެއެވެ. އަދި މިހާރު މަސައްކަތް ކުރާނީ ހުރިހާ ގައުމުތަކާއި އެެކީގައި އެ މީހުންނަށް ބަރޯސާ ވެގެން ނޫން ކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *