ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުންނާއި އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާގެ ރައީސް ފޮޓޯއަކަށް ހުއްޓިގެން. --- ފޮޓޯ: ރައީސް އޮފީސް

2040 އަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ވާން ކުރާ މަސައްކަތަށް ތާއީދު – މޯދީ

2040 އަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ވާން ކުރާ މަސައްކަތަށް ތާއީދު – މޯދީ

2040 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ވުމަށް ކުރާ މަސައްކަތުގައި އިންޑިއާގެ ތާއީދު ދެއްވާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރ މޯދީ މިއަދު ވިދާޅުވެއްޖެއެވެ

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި، މަތީ ފަންތީގެ ވާހަކަފުޅުތައް ވަނީ ބާއްވާފައެވެ.

ނިއުދިއްލީގެ ހައިދަރްއާބާދް ހައުސްގައި ބޭއްވެވި މި މަތީ ފަންތީގެ ވާހަކަފުޅުތަކުގެ ރިޔާސަތު ބަލަހައްޓަވާ، ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީ ވަނީ އެކިއެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އިންޑިއާގެ "ނޭބަހުޑް ފަރސްޓް" ސިޔާސަތަށް އަލިއަޅުއްވާލައްވަމުން، ބޮޑުވަޒީރު މޯދީ ވިދާޅުވީ، އަވައްޓެރި ގައުމުތަކާއެކު އޮންނަ ގުޅުމަށް އެމަނިކުފާނު ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ،ރާއްޖެ އެހީއަކަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން ދިވެހި ރައްޔިތުންނަށް އެއްބާރުލުން ދެއްވާފައިވާ ކަމަށެވެ.

ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާއަކީ ރާއްޖެއަށް އެހީވުމުގައި ފުރަތަމަ އިސްނަގާ ޤައުމުގެ ގޮތުގައި ފާހަގަކުރައްވާފައިވާތީ އެކަމަށްޓަކައި ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވެފައިވެއެވެ.

ރައީސްގެ ވާހަކަފުޅުގައި މޭ މަހާއި ސެޕްޓެމްބަރު މަހަށް ޓީ-ބިލުގެ ސަޕޯޓުގެ ގޮތުގައި 100 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވައި، އަސާސީ މުދާ އެކްސްޕޯޓުކުރުމަށް އޮންނަ ހާއްސަ ކޯޓާގެ މުއްދަތު އިތުރުކޮށްދެއްވާފައިވާތީ، ޝުކުރުއަދާކުރެއްވިއެވެ.

މި ވާހަކަތަކުގައި ރައީސް ވަނީ، ރާއްޖޭގެ 20 އަހަރުގެ ތަރައްޤީގެ ޕްލޭނާ ގުޅޭގޮތުން ބޮޑުވަޒީރު މޯދީއަށް މަޢުލޫމާތު ދެއްވާފައެވެ. އަދި 2040 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖެއަކީ ތަރައްޤީ ވެފައިވާ ޤައުމަކަށް ވުމަށް ކުރާ މަސައްކަތުގައި އިންޑިއާގެ ތާއީދަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި ބޯހިޔާވަހިކަމާއި، ވިޔަފާރި ތަރައްގީ ކުރުމާއި، ފަތުރުވެރިކަމުގައި އެއްބާރުލުން ދިނުމަށް، އެމަނިކުފާނުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

މި ވާހަކަފުޅަށް ޖަވާބު ދެއްވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ، 2040 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖެއަކީ ތަރައްގީ ވެފައިވާ ޤައުމަކަށް ވުމަށް ކުރާ މަސައްކަތުގައި އިންޑިއާގެ ތާއީދު ދެއްވާނެ ކަމަށެވެ. ބޮޑުވަޒީރު މޯދީގެ ވާހަކަފުޅުގައި ވަނީ، ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ފަންނިއްޔާތާ ގުޅުންހުރި އެހީތެރިކަން ފޯރުކޮށްދިނުމާއި، ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ސަރަހައްދީ ގޮތުން ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލުމާއި، މޫސުމަށް އަންނަ ބަދަލުތަކަށްވެސް އިޝާރާތްކުރައްވާފައެވެ.

2040 އަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަކީ އަމާޒެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު މަހު އދ.ގެ 79 ވަނަ އާއްމު މަޖިލީހުގެ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، 2040 ވަނަ އަހަރު ރާއްޖޭގެ މިންވަންކަމަށް 75 އަހަރު ފުރޭއިރު، އެމަނިިކުފާނުގެ އަމާޒަކީ ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *