އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އަދި އިންޑިއާގެ ބެންގްލަރޫގައި ރާއްޖޭގެ ކޮންސިއުލޭޓެއް އެޅުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެމެދު މިއަދު މަޝްވަރާ ކުރައްވައިފިއެވެ
މި މަޝްވަރާތައް ކުރިއަށް ގެންދެވިކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދެ ގައުމުގެ ރަސްމީ މަޝްވަރާތަކަށް ފަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. ރައީސް ޑރ. މުއިއްޒު އާއި މޯދީގެ ބައްދަލުކުރެއްވުމަށް ފަހު، ދެ ބޭފުޅުން އެކުގައި ދެއްވި މީޑިއާ ސްޓޭޓްމަންޓް މޯދީ ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ގާތް އަވަށްޓެރިޔާ އަދި ރަހުމަތްތެރިޔާ ކަމަށެވެ.
އަދި ރާއްޖެއަށް ޖެހުނު ކޮންމެ ދަތި ހާލަތެއްގައި ވެސް އިންޑިއާއިން އެހީ ފޯރުކޮށްދީފައިވާ ކަމަށް މޯދީ ވިދާޅުވިއެވެ.
"ރާއްޖެ އާއި އިންޑިއާގެ އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ފްރީ ޓްރޭޑިން ފެށުމަށް ނިންމާފައިވާނެ. ލޯކަލް ކަރަންސީއިން ޓްރޭޑް ސެޓަލްމަންޓަށް ވެސް މަސައްކަތް ކުރެވިގެންދާނެ. ޑިޖިޓަލް ކަނެކްޓިިވީއާ ގުޅިގެން ވެސް މަޝްވަރާކޮށްފައިނީ. މީގެ ކުޑައިރުކޮޅެއް ކުރިން ރާއްޖޭގައި ރުޕީ ކާޑު ވަނީ ލޯންޗްކޮށްފައި. ކުރިއަށް އޮތް ތަނުގައި ރާއްޖެއާއި އިންޑިއާ ޔޫޕީއައިއިން ވެސް ގުޅާލެވޭނެ." މޯދީ ވިދާޅުވިއެވެ.
މޯދީ ވިދާޅުވީ މިއަދު ރައީސް މުއިއްޒާއެކު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އަދި ބެންގަލޫރްގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.
"ހުރިހާ ކަމަކުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެގެންދާނެ. އަދި ދެ ގައުމުގެ މެދުގައި އެކުވެރިކަން އިތުރަށް ވަރުގަދަވާނެ." މޯދީ ވިދާޅުވިއެވެ.
އޭގެ އިތުރުން މޯދީ ވިދާޅުވީ ރާއްޖޭގެ ރައްކާތެރިކަމާއި ދިފާއީ ދާއިރާއާ ގުޅޭ ކަންކަމާ ވެސް މަޝްވަރާތައް ކުރެއްވި ކަމަށެވެ. އިންޑިއާއިން އެމްއެންޑީއެފްގެ ސިފައިންނަށް އަމާޒުކޮށް ޓްރެއިނިން އަދި ކެޕޭސިޓީ ބިލްޑިންގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
އިންޑިއާގެ ކަނޑުގެ ހަމަޖެހުމާއި އަމަން އަމާންކަން ދެމެހެއްޓުމަށް ރާއްޖެ އާ ގުޅިގެން އިންޑިއާއިން މަސައްކަތް ކުރައްވާނެ ކަމަށް މޯދީ ވިދާޅުވިއެވެ. އަދި ހައިޑްރޯ ގްރަފީގެ މަސައްކަތަކާއި ޑިޒާސްޓާ މެނޭޖްމެންޓްގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ މުހިންމު ފަސް އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ. އެގޮތުން އެންމެ މުހިންމު އެއްބަސްވުމަކަށް ސޮއިކުރީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމަންޓުގައެވެ.
އިންޑިއާގައި ހުންނަ ރާޝްޓްރަ ރަކްޝާ ޔުނިވާސިޓީ އާއި އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އިން އެންޑް ލޯ އެންފޯސްމެންޓާ ދެމެދުގައި ވެސް އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އަދ ިކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން ސެންޓްރަލް ބިއުރޯ އޮފް އިންޑިއާ އާއި ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ދެމެދުގައި ވެސް އެއްބަސްވުމެއްގައި ސޮއިކުރިއެވެ.
މީގެއިތުރުން ނެޝަނަލް ޖުޑިޝަލް އެކަޑަމީ އޮފް އިންޑިއާ (އެންޖޭއޭއައި) އާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ދެމެދު މީހުން ތަމްރީން ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ސޮއިކުރިއެވެ. އަދި ކުޅިވަރުގެ ދާއިރާ އިން ގުޅުން ބަދަހި ކުރުމާ ގުޅޭ އެއްބަސްވުން ވެސް އާ ކޮށްފައިވެއެވެ.

