ރާއްޖެ އާއި އިންޑިއާއާ ދެމެދު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ
އިންޑިއާ އާއި ރާއްޖެއާ އެކުގައި ބޮޑު އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވުމަށް ފަހުގައެވެ. ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އަދި ރާއްޖެ އާއި އިންޑިއާ އާ ދެމެދު ރަސްމީ ވާހަކަތައް ބާއްވަވައި މުހިންމު ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.
އެއަށް ފަހުގައި، ރާއްޖެ އާއި އިންޑިއާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކުރުން އޮތެވެ. އެ ތަނުން އެންމެ މުހިންމު އެއްބަސްވުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކުގައި ސޮއިކުރީ ޑޮލަރާއި އިންޑިއަން ރުޕީސް އެކި ފަހަރުމަތިން ނެގޭ އެއްބަސްވުމެކެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ.
އެމްއެމްއޭ އިން ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެއެވެ. އެއީ އެމެރިކާ ޑޮލަރު/ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށެވެ. މިގޮތުން އެމްއެމްއޭއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެއެވެ.
ޑޮލަރު/ޔޫރޯ ސްވޮޕް ފެސިލިޓީއަކީ ކުރުމުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވާނެ ފިޔަވަޅަކަށް ވާހިނދު، އިންޑިއަން ރުޕީސް ސްވޮޕް ފެސިލިޓީ މެދުވެރިކޮށް އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެގައުމަކަށް ނިސްބަތްވާ ފައިސާއިން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެމްއޭ އިން ވިދާޅުވިއެވެ. އަދި މިއީ ދެގައުމު ދޭތެރޭ ކުރެވޭ ވިޔަފާރި އިތުރުވެ ހަރުދަނާ ވާނެ ކަމެއްކަމަށް ވެސް އެމްއެމްއޭ އިން ވިދާޅުވިއެވެ.
އެމްއެމްއޭ އިން ފުރަތަމަ ސްވޮޕް އެގްރީމެންޓެއްގައި ސޮއިކުރީ 2016 ވަނަ އަހަރު ޑިސެމްބަރު މަހުއެވެ. އެގޮތުން ސްވެޕްއަކީ 2016 ވަނަ އަހަރުން ފެށިގެން ރިޒާވް މެނޭޖްކުރުމަށް ބޭނުންކުރާ ވަރަށް މުހިއްމު ޓޫލެކެވެ. މިހާތަނަށް އައިއިރު، އެމްއެމްއޭ އިން ވަނީ 700 މިލިއަން ޑޮލަރުގެ ސްވޮޕް ތެރެއިން ބޭނުންކޮށްފައެވެ.
އިންޑިއާގެ ސްވޮޕްގެ ސަބަބުން ކޮވިޑް-19 ގައި ދިމާވި އިގްތިސާދީ ގޮންޖެހުންތަކުންނާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލެން ދިމާވި ގޮންޖެހުންތަކުން އަރައިގަންނަން އެހީތެރިވެދޭނެ ކަމަށް ވެސް އެމްއެމްއޭ އިން ވިދާޅުވިއެވެ.

