ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އިންޑިއާ އަށް ކުރައްވާ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ.
ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅުގެ އެންމެ ހާއްސަ ކަމަކީ އެމަނިކުފާނުގެ މި ދަތުރުފުޅަށް ރާއްޖޭގެ އިތުރުން ބޭރުގެ ދުނިޔޭގެ ސަމާލުކަން ވެސް ލިބިފައިވުމެވެ. އެގޮތުން އިންޑިއާގެ ނޫސްތަކާއި ބޭރުގެ އެހެން ނޫސްތަކުގައި ވެސް ރައީސްގެ ދަތުރުފުޅުގެ ވާހަކަތައް ވަރަށް ބޮޑަށް ވަނީ ދެކެވެން ފަށައިފައެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅުގައި ބައެއް މީޑިއާތައް ވެސް ވަނީ ބައިވެރިކޮށްފައެވެ.
ރައީސް މުއިއްޒު ފުރާވަޑައިގަތީ އިންޑިއާގެ ސަރުކާރުން ހަމަޖައްސައިދިން ހާއްސަ ފްލައިޓެއްގައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން، ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ހަލީލް، ހޯމް މިނިސްޓަރު އަލީ އިހްސާން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓްރާޏްސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ބައިވެރިވެވަޑައިގަންނަވައެވެ.
މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައީސް މުއިއްޒު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގަތުމާ ދިމާކޮށް އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ވަނީ ދިވެހި ގައުމީ ދިދަ އާއި އިންޑިއާގެ ގައުމީ ދިދަ ވެސް ޖަހައި ޒީނަތްތެރިކޮށްފައެވެ.
ރައީސް ޑރ. މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހެނދުނެވެ. ރައީސް އިންޑިއާ އަށް ވަޑައިގެން ފުރަތަމަ ވެސް ބައްދަލު ކުރައްވާނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުއާއެވެ. އެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރެވެ.
އޭގެ ފަހުގައި، މާދަމާ ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީ އާ ބައްދަލު ކުރައްވައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. އެ މަޝްވަރާތަކަށް ފަހުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަން އެނގިފައިވެއެވެ.
މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސް ޑރ. މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

