މާފުށީ ޖަލަށް އިލެކްޓްރޯނިކް ސާމާނާއި މަސްތުވާތަކެތި ވައްދައި އެކަމުން ނާޖާއިޒު މަންފާ ހޯދި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ކަރެކްޝަންސްގެ ޖަލު އޮފިސަރުންގެ ތެރެއިން މީހަކު ބަންދު ކުރަން ކްރިމިނަލް ކޯޓަށް ގެންދިޔައީ ގޯސްކޮށް ކަމަށް ހައި ކޯޓުން އިއްޔެ ނިންމައިފިއެވެ
ކ. މާފުށި، މާވިނަ، ޒަޔާން އަޙްމަދު އޭނާގެ ބަންދު ކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުފާނުކޮށް ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނ،ީ އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔައީ، ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދާ ހިލާފަށް ކަމަށެވެ. އެ ގަވައިދުގެ ތިން ވަނަ މާއްދާގައިވާ ގޮތުން މީހަކު މާލެ ފިޔަވައި މެޖިސްޓްރޭޓު ކޯޓެއް ގާއިމްކޮށްފައިވާ އެހެން ރަށަކުން ހައްޔަރުކޮށްފިނަމަ 24 ގަޑިއިރު ތެރޭގައި ބަންދުގެ މުއްދަތު ޖަހަން ގެންދަން ޖެހޭނީ އޭނާ ހައްޔަރު ކުރި ރަށުގެ މެޖިސްޓްރޭޓު ކޯޓަށް ކަމަށެވެ.
ދައުލަތުގެ ފަރާތުން ހައި ކޯޓުގައި ވިދާޅުވެފައިވަނީ ހައްޔަރު ކުރި ކަރެކްޝަންސްގެ އޮފިސަރުން މާފުށީގައި ފުލުހުންގެ ކަސްޓޯޑިއަލްގައި ބެހެއްޓޭނެ ޖާގައެއް އޭރު ނެތް ކަމަށެވެ. މައްސަލައިގައި އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރުމުން އެ މީހުން ބޭތިއްބޭނެ ޖާގައެއް މާފުށީގައި ނެތުމުން އެ މީހުން ގޮވައިގެން މާލެ ގޮސް އިޖުރާއީ ކަންކަން ފުރިހަމަކޮށް، އެންމެ އަވަހަށް ބަންދު ކުރަން ގެންދެވޭނެ ތަނަކީ ކްރިމިނަލް ކޯޓު ކަމަށް ވުމުން އެ ކޯޓަށް ގެންދިޔައީ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.
ނަމަވެސް، ހައި ކޯޓުން ނިންމާފައިވަނީ އޭނާ ހައްޔަރު ކުރީ މާފުށިން ކަމަށްވެފައި އެ ރަށަކީ މެޖިސްޓްރޭޓު ކޯޓެއް ހުންނަ ރަށަކަށް ވާތީ އޭނާގެ ބަންދާ މެދު ގޮތް ނިންމުމަށް ގެންދަން ޖެހޭނީ އެ ކޯޓަށް ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތް ނިންމުމުގެ ބާރާއި އިހްތިސާސް ލިބިގެންވަނީ އެ ކޯޓަށް ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެއެވެ. އަދި އެކަމުގެ އިހްތިސާސް ކްރިމިނަލް ކޯޓަށް ލިބިގެންނުވާ ކަމަށް ނިންމުމުގައިވެއެވެ.
"މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މީސްމީހުންގެ އަސާސީ ހައްގުތަކާއި މުޖުތަމައުގެ ސަލާމަތާއި މަސަލަސްކަމާ ގުޅުންހުރި މި ޒާތުގެ ކަންކަމުގައި ގާނޫނާއި ގަވައިދުގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނަ ގޮތާ އެއްގޮތަށް އަމަލު ކުރުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތުން ދޭ ސަމާލުކަން އިތުރުކުރުމުގެ މުހިންމުކަން ހާމަވެއެވެ." ހައި ކޯޓުގެ ނިންމުމުގައިވެއެވެ.
ޖަލަށް މަނާ ތަކެތި ވެއްދި މައްސަލައިގައި ޒަޔާން ހިމެނޭ ނަމަވެސް، އޭނާ ހިމެނޭހެން 8 އޮފިސަރެއްގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމައިފައެވެ. އެއީ ހެކި ނެތުމުގެ ސަބަބުން ކަމަށް ޕީޖީ އޮފީހުން ވިދާޅުވެފައިވެއެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާ ކުރީ ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާހް އަބްދުއްރަހީމާއި ނ. ލަންދޫ، ކާމިނީގޭ، އަލީ އަސްފާގާއި ކ. މާފުށީ، ބީޗްހައުސް، އަލީ ޝަހީމާއި ގއ. ވިލިނގިލީ، ކުއްޅަވައްގޭ، މުހައްމަދު ފަތޫހު ފަތުހުﷲ އާއި ހދ. ނޭކުރެންދޫ، ތަރާނާގޭ، އަލީ ނާޒިމްގެ މައްޗަށެވެ. 5 މީހުންގެ ތެރެއިން ފަތޫހު ފިޔަވައި ދެން ތިބި މީހުން ތިބީ ބަންދުކޮށްފައެވެ.
ޖިނާހާއި ޝަހީމްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ލިބިގަތުމުގެ ދައުވާ ކުރާއިރު، ބާކީ ތިބި ތިން މީހުންގެ މައްޗަށް ކުރަނީ ނުހައްގު މުއްސަނދިކަން ހޯދުމާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.
މި ފަސް މީހުންގެ ތެރެއިން މުހައްމަދު ފަތޫހު ފަތުހުﷲ އާއި އަލީ ނާޒިމް އަދި އަލީ އަސްފާގާއެކު ދައުލަތުން މިހާރު ވަނީ އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ.

