އިގުތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ބެހޭ އޮތޯރިޓީގެ ގަވަރުނަރާއި އަދި ރިޔާޟު ޗެންބާގެ ޗެއާމަނާއި ބައްދަލުކޮށް ވިޔަފާރީގެ މަޝްވަރާތައް ކޮށްފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ ވަޒީރު ސައީދު ސައޫދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި "އަލްމުންޝާތު" (ސައުދީ އަރަބިއްޔާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅޭ އޮތޯރިޓީ) އަށް ޒިޔާރަތްކުރައްވައ ިއެ އޮތޯރިޓީގެ ގަވަރުނަރާއި ބައްދަލުކުރައްވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަލްމުންޝާތުން ދެމުންގެންދާ އެހީތެރިކަމުގެ މައުލޫމާތު ގަވަރުނަރު ދެއްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ އެފަދަ ވިޔަފާރިތަކާއި ސައުދީ އަރަބިއްޔާގެ ވިޔަފާރިތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު ވެސް މަޝްވަރާކުރައްވާފައިވާ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އާމްދަނީ ހޯދުމަށް ކްރިއޭޓިވް މަސައްކަތްކުރާ ވަކިވަކި ފަރުދުންގެ އުފެއްދުންތެރިކަމާއި މަސައްކަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ކްރިއޭޓިވް އިންޑަސްޓްރީއެއް ގާއިމްކުރުމަށް ޓަކައި ފަސް އަހަރުގެ އިސްތިރާޖެއް ސަރުކާރުން މިހާރު އެކުލަވާލައްވާފައިވާ ކަމަށެވެ.
އޭގެ އިތުރުން ވުޒާރާއިން ވިދާޅުވީ ވަޒީރު ސައީދު ރިޔާޟު ޗެމްބާ އަށް ޒިޔާރަތް ކުރައްވައި ޗެމްބާގެ ޗެއާމަން އަބްދުﷲ އަލް އުބައިކާން އާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ވިޔަފާރިތަކާއި ސައުދީ އަރަބިއްޔާގެ ވިޔަފާރިތަކުގެމެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އެ މަޝްވަރާއަކީ ދެ ގައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެން ދިއުމަށް މުހިންމު މަޝްވަރާ ތަކެއް ކަމަށް ވިދާޅުވިއެވެ.

