ނުރައްކާތެރި ކެމިކަލް ރައްކާކޮށްގެން ގެންގުޅޭ ތަންތަނުގައި ގަވާއިދާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް އޮޕަރޭޝަނެއް ފަށައިފި އެވެ.
މިނިސްޓްރީން އެފަދަ އޮޕަރޭޝަނެއް ފަށާފައި މިވަނީ ކެމިކަލް ގެންގުޅުމާއި ގުދަންކުރުމުގައި ބައެއް މީހުން ގަވާއިދާ ހިލާފުވާ ކަމުގެ ޝަކުވާ ވެސް އެ މިނިސްޓްރީއަށް ލިބެމުންދަނިކޮށެވެ. އެއްވެސް ބާވަތެއްގެ ކެމިކަލެއް މާލޭގެ އެއްވެސް ތަނެއްގައި ގުދަންކުރުމަކީ މިހާރު މަނާ ކަމެކެވެ. އެކަމަށް ސަރުކާރުން ވަނީ ހުޅުމާލެއިން ބިން ހަމަޖައްސައިފަ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ކެމިކަލާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހުރިތޯ ބެލުމާއި އެ މިންގަނޑަށް ހޭލުންތެރިކުރުމަށް "އޮޕަރޭޝަން ހިރާސް ފާސް" ފަށާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި އެމްއެންޑީއެފްގެ އޮފިސަރުންގެ އިތުރުން ފުލުހުންގެ ޓީމެއް ވެސް ބައިވެރިވެ އެެވެ.
އެ މަސައްކަތް ފެށުމުގެ ގޮތުން އެކަމުގައި ހަރަކާތްތެރިވާ ޓީމުތަކާ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ އަލީ ވަނީ ބައްދަލުކުރައްވައި، އެކަމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެކި ބޭނުންތަކަށް ކެމިކަލް އެތެރެކުރުމަށް ހުއްދަ ދިނުމާއި އެފަދަ ކެމިކަލްތައް ރައްކާކުރުމަކީ ޑިފެންސް މިނިސްޓްރީން ރެގިއުލޭޓް ކުރާ ކަމެކެވެ.
މިމަހުގެ 15 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ އޮޕަރޭޝަނުގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބަލާނެ އެވެ. އަދި މާލޭ ސަރަަހައްދުގައި ފަސޭހައިން އަލިފާން ރޯވާ ފަދަ ތަންތަނާއި އެތަންތަނުގައި ހުރި ދަތިތައް ވެސް މި އޮޕަރޭޝަނުގެ ތެރެއިން ދެނެގަންނާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

