ކުޑަކުއްޖަކު އެކަހެރި ތަނަކަށް ގެންގޮސް އޮރިޔާންކޮށް، ތަޅައި އަނިޔާކުރާ ތަން ވިޑިއޯ ކުރުމަށް ފަހު، އެ ވީޑިއޯ އާއްމުކުރާނެ ކަމަށް ބުނެ ބްލެކްމެއިލްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އެ ކުއްޖާގެ މަންމަ، ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ދަރިފުޅަށް އަނިޔާދިނީ ގޭގައި ނިދާފައި އޮއްވައި، ކުޑަދޮރުން ކޮޓަރީގެ ތެރެއަށް ވަދެ، އެ ކުއްޖާއަށް ބިރު ދައްކައިގެން ގެންދިއުމަށް ފަހު ކަމަށެވެ. އަދި ކުއްޖާ ބޭރަށް ނެރުނީ މަރުގެ އިންޒާރު ދިނުމަށްފަހުގައި ކަމަށްވެސް ބުނެފައިވެއެވެ.
"ގޭގައި ނިދާފައި އޮއްވައި ގެއަށް ވަދެ ރޫމަށް ކުޑަ ދޮރުން ވަދެ، ބޭރަށް ނުގޮސްފި ނަމަ، މަރާލާނެ ކަމަށް ބުނެ ބިރު ދައްކައި، ބޭރަށް ދިއުމުން ރުއްގަނޑެއްގެ ތެރެއަށް ވައްދައި އޮރިޔާންކޮށް ދަނޑިބުރިއަކުން ތަޅާ ވީޑިއޯކުރުމަށް ފަހު، ރުފިޔާ ނުދީފި ނަމަ ލީކުކޮށްލާނެ ކަމަށް ބުނެ ބްލެކްމެއިލް ކުރި،" އޭނާގެ މަންމަ ބުންޏެވެ.
އޭނާ ބުނީ އެއް އުމުރުފުރައެއްގެ ގިނަ ކުދިން ތިބި އިންސްޓަގްރާމް ގްރޫޕެއްގައި ކުއްޖާގެ ވީޑިއޯ އާންމުކޮށް، މަރުގެ އިންޒާރުދީފައިވާ ކަމަށެވެ. އެކަމަކު އެއީ ކުޑަ ކުދިންތަކެއް ހިންގި އަމަލަކަށްވާތީި އެ ކުދިންގެ ހައްގު އިސްކޮށް، އޭނާގެ ދަރިފުޅަށް އިންސާފު ނުލިބިދާނެތީ މަންމަ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
"މިއަށް ވުރެ ވަކި ސީރިއަސް ކްރައިމެއް ކޮބައި ހެއްޔެވެ؟ މިއީ ގްރޭޑް 9 ގައި އުޅޭ ކުއްޖަކު އިސްވެ ހުރެ ގްރޫޕަކުން ހިންގި އަމަލެއްވީމަ އޮންނާނީ އޭނާގެ ހައްގު. އަހަރެންގެ ދަރިފުޅަށް އިންސާފު ހޯދައިދޭނީ ކިހިނެއް ހެއްޔެވެ.؟" މަންމަ ލިޔެފައިވެ އެވެ.
އެ ޕޯސްޓާ އެކު އޭނާ ވަނީ އެ ގްރޫޕަށާއި ކުއްޖާއަށް އެ މީހުން ފޮނުވާފައިވާ މެސެޖުތައް ވެސް އާންމުކޮށްފަ އެވެ. އޭގައި ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައި ހުރިއިރު ފައިސާ ދިނުމަށާއި މަރުގެ އިންޒާރުތަކެއް ވެސް ކުއްޖާއަށް ދީފައިވެ އެވެ.
އެ މައްސަލަ ފެންމަތިވުމުން ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވާ އެ ޕޯސްޓް ސަމާލުކަމަށް އައިސްފައިވާ ކަަމަށާއި އެކަމާ ގުޅިގެން ކަމާ ގުޅުން ހުރި އިދާރާތަކުން މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

