މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން މަތީ ތަޢުލީމުދޭ ކޯސްތަކުގެ އެކްރެޑިޓޭޝަން އުސޫލަށް މުހިންމު ބަދަލެއް ގެނެސްފިއެވެ.
އެމްކިއުއޭ އިން ގެނައި ބަދަލަކީ ކޯސްތަކުގެ ކޮންޓްރޯލްޑް އެސެސްމަންޓްތަކުން މަދުވެގެން 50% ހާސިލުނުކުރާނަމަ ދަރިވަރުން ފާސްނުވާ ގޮތަށް ހަމަޖެއްސުމެވެ.
އެމްކިޔުއޭގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވި ގޮތުގައި މި ބަދަލު ގެނައުމުގެ މައިގަނޑު ސަބަބަކީ ދަރިވަރުންގެ މެދުގައި އެސައިންމަންޓްތައް އެހެން މީހުން ލައްވައި ތައްޔާރުކުރުމާއި، ޗެޓްޖީޕީޓީ ފަދަ އޭއައި ވަސީލަތްތައް ބޭނުންކޮށްގެން އެސައިންމަންޓްތައް ފުރިހަމަކުރުން އިތުރުވެފައިވުމެވެ.
މިހާރު މަތީ ތަޢުލީމުދޭ ގިނަ މަރުކަޒުތަކުން ދަރިވަރުންގެ ފެންވަރު ވަޒަންކުރަނީ އިމްތިހާނުތަކާއި އެސައިންމަންޓްތަކުންނެވެ. ބައެއް މަރުކަޒުތަކުން 100% މާކްސް ހަމައެކަނި އެސައިންމަންޓުން ހޯދައިގެން ފާސްވާ މާއްދާތައް ވެސް ކުރިއަށް ގެންދެއެވެ. މިކަމުގެ ސަބަބުން އެސައިންމަންޓް ގަނެވިއްކުން އިތުރުވެ، ޤާބިލު ނޫން ފަރާތްތަކަށް މަތީ ތަޢުލީމުގެ ސަނަދު ލިބިފައިވާ ކަމަށް އެމްކިޔުއޭއިން ފާހަގަކުރެއެވެ.
މި މައްސަލައަށް ހައްލު ހޯދުމަށްޓަކައި، އެމްކިޔުއޭއިން ވަނީ އައު އެކްރެޑިޓޭޝަން ގައިޑްލައިނެއް ތަޢާރަފުކޮށްފައެވެ. މި ގައިޑްލައިނާ އެއްގޮތަށް، މިހާރު އެކްރެޑިޓްކުރުމަށް ހުށަހަޅާ ކޯސްތަކުގައި ކޮންޓްރޯލްޑް އެސެސްމަންޓުން 50% ހާސިލުނުކޮށް ދަރިވަރުން ފާސްނުވާނެ ގޮތަށް ހަމަޖައްސަން ޖެހޭނެއެވެ.
މަތީ ތަޢުލީމާއި ތަމްރީނުގެ ޤަވާޢިދުގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، ދަރިވަރުންގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމަކީ ޤާނޫނީ ކުށެކެވެ. މިފަދަ ޢަމަލުތައް ހިންގާ ދަރިވަރުން 5,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް މި މާއްދާގައި ބަޔާންކޮށްފައިވެއެވެ.
މި ބަދަލުތަކުގެ ސަބަބުން މަތީ ތަޢުލީމުގެ ފެންވަރު މަތިވެ، ދަރިވަރުންގެ ޤާބިލުކަން އިތުރުވާނެ ކަމަށް އެމްކިޔުއޭއިން އުންމީދުކުރެއެވެ.

