ދިވެހިރާއްޖެ ތަރައްޤީއަށް ކުރާ ދަތުރުގައި ޗައިނާއިން ދަނީ މެދުނުކެނޑި، ސާބިތުކަމާއެކު ބައިވެރިވަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޗައިނާގެ 75 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރިސެޕްޝަނުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކާއި، އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ ތެރެއިން ގޮންޖެހުންބޮޑު ދަނޑިވަޅުތަކުގައި ވެސް ޗައިނާ އޮތީ، ސާބިތުކަމާއި އެކީ ރާއްޖެއާއެކުގައި ކަމަށެވެ.
ރައީސް ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިޙްތިރާމާއި، ސިޔާދަތު ދެމެހެއްޓުމާއެކު، އިސްތިޤުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައިކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި، ވިޔަފާރި އާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތަ އާއި، ބޯހިޔާވަހިކަމާއި ބިނާރު އަދި ޘަޤާފީ ދާއިރާގައި މިހާރަށްވުރެ ގުޅުން ބަދަހިވެެގެން ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ޗައިނާ ރައްޔިތުންގެ ހިންމަތްތެރިކަމާއި ހިތްތިރިކަމާއި ކޮންމެ ހާލަތެއްގައި ވެސް ރާއްޖެއަށް އެހީތެރިވުމަށް އެގައުމުގެ ރައްޔިތުން ފަހަތަށް ނުޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި އެންމެ އަނދިރި ދުވަސްތައް ކަމުގައިވާ ސުނާމީގެ ހާދިސާގައި ޗައިނާގެ ޓީމެއް ރާއްޖެ އައިސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިންކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ޗައިނާގެ ކުރިއެރުމަކީ އެކަމަށް މިސާލު ނަގަން ޖެހޭކަމެއް ކަން ފާހަގަކުރައްވަމުން ރައީސް ވަނީ މުސްތަޤުބަލުގައި ދެ ޤައުމުގެ މެދުގައިވާ ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެ، ފަހި ފުރުޞަތުތަކެއް ލިބި، ތަމައްދުނުވެ، އަމަންއަމާންކަން އިތުރުވެގެންދާނޭކަމަށް ޔަޤީންކުރައްވާކަމަށް ވިދާޅުވެފައެވެ.

