އިނގިރޭސި ރާނީ ކުއީން އެލިޒަބަތް ދެވަނަ އަވަހާރަވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެގައުމުގެ ޝާހީ އާއިލާ އަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރާނީ އަވަހާރަވެފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ސްކޮޓްލެންޑްގެ ބެލްމޯރަލް ކާސަލްގަ އެވެ.
ރާނީ އަވަހާރަވުމުގެ ހިތާމައިގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާނީ އެލިޒަބަތް އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއި އެކުގައި ކަމަށެވެ. ރާނީ އެލިޒަބަތަކީ ގައުމަށް ހިދުމަތް ކުރުމުގެ ނަމޫނާއެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި ޝާހީ އާއިލާއަށާއި އިނގިރޭސި ރައްޔިތުންގެ އިތުރުން ކޮމަންވެލްތަށް ވަރަށް އިހުލާސްތެރިކަމާ އެކު ތައުޒިޔާ ފޮނުއްވާ ކަމަށް ވިދާޅުވެފަ އެވެ.
ރާނީ އަވަހާރަވީ އިރު އުމުރުފުޅަކީ 96 އަހަރެވެ. އެކަމަނާ އަވަހާރަވީ ސްކޮޓްލޭންޑުގެ ބަލްމޯރަލް ކާސަލްގައި ސިއްހީ ހާލުކޮޅު ދެރަވެ ފަރުވާދެމުންދަނިކޮށެވެ.
ޝާހީ ޢާއިލާގެ ގިނަ މެންބަރުން މިވަގުތު ތިއްބެވީ ބަލްމޯރަލް ގަނޑުވަރުގައެވެ. މީގެ ތެރޭގައި ރާނީގެ މާމަ ދަރިކަލުން ޕްރިންސް ވިލިޔަމްގެ އިތުރުން އޭނާގެ އަނބިކަނބަލުންވެސް ހިމެނިވަޑައިގަންނަވައެވެ. ޕްރިންސް ހެރީވެސް މިއަދުގެ ވަގުތެއްގައި ސްކޮޓްލެންޑަށް ވަޑައިގަންނަވާނެއެވެ.
ރާނީ އަށް ވަނީ 2021ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހޮސްޕިޓަލުގައި އެޑްމިކޮށްގެން ފަރުވާދިނުމަށްފަހު ދޫކޮށްލުމުން ރާނީ ވަނީ އެ ކަމަނާގެ ރަސްމީ ބައްދަލުވުންތައް މަދުކުރައްވާފައެވެ. އަދި ސްކޮޓްލެންޑުގައި ހުންނަ ބެލްމޯރަލް ގަނޑުވަރަށް ވަޑައިގަންނަވާފައިވަނީ އަރާމުކުރެއްވުމަށެވެ.
ސެޕްޓެންބަރު 5ގައި އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރު ލިޒް ޓްރަސްއަށް އެ މަޤާމުގެ މަސްއޫލިއްޔަތުތައް ރަސްމީ ގޮތުން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު ވެސް ބާއްވާފައި ވަނީ ބެލްމޯރަލް ގަނޑުވަރުގައެވެ. އިނގިރޭސި ވިލާތުގެ ރަނިކަމާ ރާނީ ހަވާލުވެ ވަޑައިގަތުމަށް މި އަހަރު ވަނީ 70 އަހަރު ފުރިފައެވެ. އެކަން ފާހަގަކުރުމަށް ވަރަށް ކުލަގަދަ އިހުތިފާލުތަކެއް ވަނީ ބާއްވާފައެވެ.
ރާނީ އެލިޒަބަތު އިނގިރޭސި ވިލާތާއި ކޮމަންވެލްތުގެ ރަނިކަމާ ހަވާލުވެ ވަޑައިގަތީ 1952ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 6ވަނަ ދުވަހު، އެ ކަމަނާގެ ބައްޕާފުޅު ރަސްގެފާނު ޖޯޖް ހަތަރުވަނަ އަވަހާރަވުމާ ގުޅިގެންނެވެ. އެއިރު އެ ކަމަނާގެ އުމުރުފުޅަކީ 25 އަހަރެވެ.
ރާނީ އެލިޒަބަތު އަވަހާރަވުމުން ރަސްކަމުގެ ތަޚުތާ ދެން ހަވާލުވެވަޑައިގަންނަވާނީ އިނގިރޭސި ވަލީ އަހުދު ޕްރިންސް ޗާލްސް އެވެ.

