ޔޫކްރެއިންގައި ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ތެރޭގައި އެގައުމުގައި ތިބި ދިވެހިންގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވިދާޅުވެއްޖެއެވެ.
ޔޫކްރެއިންގައި ކުރިމަތިވެފައިވާ ދާޚިލީ ހަމަނުޖެހުމާއި ގުޅިގެން އެޤައުމުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ވިދާޅުވީ އެޤައުމުގެ ޙާލަތު ކައިރިން ބަލަމުންދާކަމަށާއި އެޤައުމުގައި ތިބި ދިވެހިންގެ ޙާލުވެސް ބަލަމުންދާ ކަމަށެވެ. އެގޮތުން ޔޫކްރެއިންގެ ދެސަރަޙައްދެއްގައި ތިބި 50 އަށްވުރެ ގިނަ ދިވެހިންނާއި ގުޅިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ދުނިޔޭގެ ސަމާލުކަން ޔޫކްރެއިންގެ މަޝްރަޙަށް ހުއްޓިފައިމިވަނީ އެޤައުމުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުމުގެ ސަބަބުން ރަޝިޔާ ގުޅޭ ސަރަޙައްދީ ބޯޑަރު ކައިރިއަށް ރަޝިޔާގެ ސިފައިން ބަރުހަތިޔާރާއެކު އައިސްފައިވާތީއެވެ. އެހެންނަމަވެސް ހަމަލާ ދިނުމަށް ނުވިސްނާކަމަށާއި ސިފައިން އެސަރަޙައްދަށް ގޮސްފައިވަނީ ޔޫކްރެއިން ހަމަނުޖެހުމުގެ ތެރެއިން ރަޝިޔާއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ރަޝިޔާއިންވަނީ ބުނެފައެވެ.
ރަޝިޔާއިން މިހެން ބުނެފައިވާއިރު ނޭޓޯގެ ޤައުމުތަކުގެ މެދުގައިވެސް ޔޫކްރެއިން މައްސަލައިގައި ބޮޑެތި ޚިޔާލު ތަފާތުވުންތައް އުފެދި ރައްކާތެރިކަމަށްޓަކާ އެމެރިކާގެ ރައްޔިތުން ޔޫކްރެއިން އިން ފޭބުމަށްވެސް އެމެރިކާގެ ރައީސްވަނީ ގޮވާލައްވާފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

