އަތޮޅުތެރެއަށް އިތުރު 15 އެމްބިއުލާންސް ފޮނުވައިފި

އަތޮޅުތެރެއަށް އިތުރު 15 އެމްބިއުލާންސް ފޮނުވައިފި

ސިއްޙީ ކުއްލި ޙާލަތުގައި ދެވޭ ފަރުވާގެ ޚިދުމަތް މުޅި ރާއްޖޭގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު 15 ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކުއްލި ޙާލަތްތަކުގެ ސިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ވަޞީލަތަކީ އެމްބިއުލާންސްގެ ޚިދުމަތްކަމަށްވާއިރު ރަށްރަށުގެ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގައި ހުރި ގިނަ އެމްބިއުލާންސްތައް ބޭނުން ނުކުރެވި ހަލާކުވެފައިވާކަމުގެ ޝަކުވާ ގިނަ ރަށްރަށުން ވަނީ ހެލްތު މިނިސްޓްރީއާ ހިއްސާކުރައްވާފައެވެ. މިކަމަށް ޙައްލެއް ގެނައުމަށްޓަކާ މިދިޔަ އަހަރުގެ ޖޫންމަހު ވަނީ އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސް ގެނައުމުގެ މަޝްރޫޢުއެއް ފަށާފައެވެ. މި މަޝްރޫއުގެ ދަށުން 96 އެމްބިއުލާންސް ރާއްޖެ ގެނައުމަށް އެސްޓީއޯއާ ޙަވާލުކޮށްފައެވެ. އެސްޓީއޯއިން މިހާތަނަށް ވަނީ 75 އެމްބިއުލާންސް ރާއްޖެއަށް ގެނެސްފައެވެ. މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވީ މީގެތެރެއިން އެންމެ ފަހުން ގެނެސްފައިވާ 15 އެމްބިއުލާންސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

އަލަށް ފޮނުވާ އެމްބިއުލާންސްތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ.ތުރާކުނު، ހއ.ވަށަފަރު، ހއ.ބާރަށް، ހދ.ކުޅުދުއްފުށި، ޅ.ކުރެންދޫ، ކ.ކާށިދޫ، އއ.ފެރިދޫ، މ.މުލަށް، ދ.މީދޫ، ދ.މާއެނބޫދޫ، ލ.މާބައިދޫ، ލ.ގަން، ގއ.މާމެންދޫ، ގދ.ވާދޫގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލަށްކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ވަރުގަދަކޮށް ސިއްހީ ފަރުވާ ހޯދަން ކޮންމެހެން މާލެ އަންނަން ޖެހިގެން ނޫނީ މާލެއަށް އައުން ހުއްޓުވުމަށް ސަރުކާރުން ދަނީ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށާއި ސިއްޙީ މަރުކަޒުތަކަށް ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރިއަށްވުރެ ފުޅާކޮށްފައެވެ.

އަދި އަތޮޅުތެރޭގެ 5 ސަރަޙައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް މަސައްކަތް ކުރާއިރު މިވަގުތުވެސް ބޮޑެތި ގިނަ އޮޕަރޭޝަންތަކެއް އަތޮޅުތެރޭގައި އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *