މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ނިމޭއިރު ބެޑްނައިޓްސް 11 މިލިއަނަށްވުރެ އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފިއެވެ.
މިމަހުގެ 15ވަނަ ދުވަހު ރާއްޖޭގެ ޓޫރިސްޓު ބެޑްނައިޓްސްވަނީ 10.7 މިލިއަން ހުރަސްކޮށްފައެވެ. މިއީ ރެކޯޑު އަދަދެކެވެ. އަދި މިއީ ސަރުކާރުން މިއަހަރަށް ކަނޑައެޅި 10 މިލިއަން ބެޑް ނައިޓްސްގެ އަމާޒެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 148 އިންސައްތަ އިތުރު އަދަދެެކެވެ. އަދި 2019ވަނަ އަހަރާއި އަޅާ ބަލާއިރު 23.3 އިންސައްތަ ދަށް އަދަދެެކެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4967 ފަތުރުވެރިން އާދެއެވެ. އަދި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި މިއަދަދަށް ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ ނަމަ އަހަރު ނިމޭއިރު ރާއްޖެއަށް ޖުމްލަ 1.3 މިލިއަން ފަތުރުވެރިން އަންނާނެ ކަަމަށް ލަފާކުރެއެވެ.

