ގުރުއާނުގެ އާޔަތްތައް އިސްލާމް ކިޔަވައިދޭ ފޮތްތަކުން އުނިކުރަން އުޅުމަކީ ރަނގަޅު ކަމެއް ނޫންކަން ވިސްނިއްޖެ ކަމަށާއި، އެކަމުގެ ސަބަބުން ބެލެނިވެރީންގެ ހިތުގައި އުފެދުނު ނުތަނަވަސްކަމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއިން މާފަށް އެދިއްޖެއެވެ.
މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލަށް ޗާޕުކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕުތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށް ހުރިކަން ފާހަގަކުރެވި، ިކަން ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް (ރިފަރެންސް ދިނުމަށް މަޝްވަރާކުރެވި އެކަން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ސިޓީއެއް ފޮނުވި ކަމަށެވެ.
އަދި އެގޮތަށް މަޝްވަރާ ކުރެވިފައިވަނީ އެއްވެސް ހާލެއްގައި ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައި ނޫންކަމަށާއި، އެގޮތަށް މަޝްވަރާ ކުރެވުނީ ޤުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތެއް ހެދުމަށާއި، އެފޮތްތައް ނައްތާލާއިރު ޤުރުއާނުގެ އާޔަތްތަކަށް އިހާނެތިކޮށް ބައެއް ފަހަރު އަމަލުކުރެވޭކަމަށް ބައެއް އިލްމުވެރިން ވިދާޅުވާތީ ކަމަށްވެސް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
"ނަމަވެސް އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިސްނި އަދި ދަރިވަރުން ކޮންމެ ފަހަރަކު ޚަތިމަށް ނުވަތަ އައްމާފޮތަށް ބެލުމަކީ ދަތިކަމަކަށް ވާނެ ކަމުން އެސިޓީއަށް އަމަލު ނުކުރުމަށް ޖެހިގެން އައި ދުވަހު ވާނީ އެންއައިއީއަށް އަންގާފަ" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ކުރިން ފޮނުވި ސިޓީ ލިޔުމުން ބާތިލުކޮށްފައިވާ ކަމަށާއި، މިނިސްޓްރީއިން މިހާރު ނިންމާފައިވަނީ އިސްލާމް ފޮތާއި ޤުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް ޕްރޫފް ރީޑިންގ ވަރުގަދަ ކުރުމަށް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިފަހަރު ފޮތްތައް ޗާޕުކުރަން ފޮނުވާއިރު ކުށްތައް އިސްލާހުވެފައިވާކަން ކަށަވަރު ކުރަންވެސް އެންއައިއީއަށް އަންގާފައިވާނެ ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިކަމާ ގުޅިގެން މީގެ ކުރިން މީޑިއާތަކުން ސުވާލު ކުރުމުން، ޤުރުއާނުގެ އާޔަތްތައް އެފޮތްތަކުން އުނިނުކުރާނެ ކަމަށް ދަންނަވާފައިވާނެ ކަމަށާއި، އަދި އެކަމުގައި މިނިސްޓްރީއިން އަމަލުކުރަން ނިންމާފައިވާ ގޮތްވެސް މީޑިއާތަކަށް ވާނީ ހިއްސާކޮށްފައި ކަމަށެވެ.
މިނިސްޓްރީއިން މިއަދު ބަޔާނެއް ނެރެފައިވާއިރު، ގުރުއާނުގެ އާޔަތްތައް ފޮތްތަކުން އުނިކުރުމަށް މިނިސްޓްރީއިން ފޮނުވާފައިވާ ސިޓީއެއް އިއްޔެވަނީ މީސްމީޑިއާގައި ދައުރުވާން ފަށާފައެވެ.

