ކުުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހަކު 30 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
2019 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން އިތުބާރު ކުރެވޭ މަގާމެއްގައިހުރެ ކުޑަކުދިންތަކަކާމެދު ޖިންސީ ޢަމަލު ހިންގި މައްސަލައިގައި, ވ.ގާތިފް, ޙަސަން ޢަތޫފްގެ މައްޗަށް ފަސް ދަޢުވާއެއް ކުރުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ ޖޫންމަހުގެ 28 ގައެވެ
ކުުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހަކު 30 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
2019 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން އިތުބާރު ކުރެވޭ މަގާމެއްގައިހުރެ ކުޑަކުދިންތަކަކާމެދު ޖިންސީ ޢަމަލު ހިންގި މައްސަލައިގައި, ވ.ގާތިފް, ޙަސަން ޢަތޫފްގެ މައްޗަށް ފަސް ދަޢުވާއެއް ކުރުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ ޖޫންމަހުގެ 28 ގައެވެ.
އެ ފަސް ދަޢުވާއަކީ އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާއާއި, އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާއާއި, ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދަޢުވާއާއި, މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުމުގެ ކުށުގެ ދަޢުވާއާއި, ގްރޫމްކުރުން ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ޢަތޫފް ވަނީ, ކުށަށް އިޢުތިރާފުވެފައެވެ. އަދި ދައުލަތާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ހެދުމަށް އޭނާ އެދުނެވެ. އެ ގޮތުން ދަޢުވާލިބޭ މީހާއާއެކު ޝަރީޢަތުގައި ދައުލަތުން އެއްބަސްވީ ޢަތޫފްގެ މައްޗަށް އުފުލި ދަޢުވާތަކުގެ ތެރެއިން ދެ ދަޢުވާއަކަށް އިޢުތިރާފުވެ, ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފު ދަމަހައްޓައިފިނަމަ, ފަސް ދަޢުވާގެ ތެރެއިން ތިން ދަޢުވާ އަނބުރާ ގެންދިޔުމަށެވެ
އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން އިތުރަށް ކުރިއަށްނުގެންދިއުމަށް ނިންމީ ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދަޢުވާއާއި, މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުމުގެ ކުށުގެ ދަޢުވާއާއި, ގްރޫމްކުރުން ކުށުގެ ދަޢުވާއެވެ. ކުރިއަށް ގެންދިއުމަށް ނިންމީ އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާއާއި, އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާއެވެ.
ޢިއުތިރާފުގެ އެއްބަސްވުމުގެ ކުރިން ޢަތޫފަށް ކަނޑައެޅެން އޮތް އަދަަބަށް ބަލާއިރު, 5 ދަޢުވާއަށް ޖުމްލަ 76 އަހަރާއި, 9 މަހާއި 18 ދުވަހަށް ޖަލު ޙުކުމެއް އަންނާނެއެވެ. ނަމަވެސް އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން ކަނޑައެޅުނު އަދަބަކީ ދެ ދަޢުވާއަށް ޖުމްލަ 30 އަހަރުގެ ޖަލު ޙުކުމެކެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ މި މައްސަލައިގެ ޙުކުމް އިއްވާފައެވެ. އެ ގޮތުން ދައުލަތާއި ޢަތޫފާއެކު ގާއިމުކުރެވުނު އެއްބަސްވުމާއި އެއްގޮތަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީ ޢަތޫފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދެ ދަޢުވާ ސާބިތުވާ ކަމަށެވެ. އެހެންކަމުން 30 އަހަރު ދުވަހުގެ މުއްދަތަށް ޢަތޫފް ޖަލުގައި ބަންދުކުރުމަށެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ ދީބާނާޒް ފަހުމީއެވެ.

