ހއ. ދިއްދޫ ނެރުން ވަންނަން ދިޔަ ދޯންޏެއް އަޑިއަށް ގޮސްފިއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު މެންދުރު 12:30 އެހާކަންހާއިރު އެރަށު ކައިރިން އަޑިއަށް ގޮސްފައިވަނީ ހއ އުތީމުން ދިއްދޫއަށް އައި ދޯންޏެއް ކަމަށެވެ. އަދި އެދޯނީގައި އެވަގުތު ހަމީހުން ތިބި ކަމަށާއި، އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.
ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ އެދޯނި އަޑިއަށް ދާށން މެދުވެރި ވި ސަބަބެއް ކަމަށް ލަފާ ކުރެވެނީ، ދޯނި ނެރަށް ވަންނަށް ދިޔަ ވަގުތު ނެތި ރާޅަކާ ގުޅިގެން ނެރުކައިރީގައި ހުރި ހިލަތަކުގައި ޖެހިގެން ދޯނި ދިޔަވެގެން ކަމަށެވެ.
ދޯނި މިވަގުތު އޮތީ އެރަށު ފަޅުތެރެއަށް ވައްދާފައިކަމަށާއި، ނަމަވެސް އަދިވެސް ދޯނި އޮތީ އަޑީގައި ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
އެދޯންޏަކީ އެކި ބޭނުންތަކުގައި އުތީމުގައި ދިރިއުޅޭ ރައްޔިތުން ދިއްދޫއަށް ދަތުރުކުރަން ބޭނުން ކުރާ ދޯންޏެއް ކަމަށްވެސް ކައުންސިލް ރައީސް މައުލޫމާތު ދެއްވިއެވެ.

