ރާއްޖޭގެ އެމްބިއުލާންސް ނެތް އިތުރު ރަށްތަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ފަށައިފިއެވެ.
އެ މިނިސްޓްރީން މިއަދު ވިދާޅުވީ، އަތޮޅު ތެރޭގައި ބޭނުން ކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގެނައި 20 އެމްބިއުލާންސް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ
ރަށް ރަށަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ސަރުކާރުގެ ބޮޑު އެއް ކުންފުނި، އެސްޓީއޯއާ ހެލްތު މިނިސްޓްރީން ހަވާލު ކުރީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން އެމްބިއުލާންސްތައް މިނިސްޓްރީ އަށް ހަވާލު ކުރަން ޖެހޭނީ ހަ މަސް ތެރޭގައެވެ.
މި އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް މިދިޔަ މަހު ވަނީ ރާއްޖެ ގެނެވިފައެވެ.
އެމްބިއުލާންސްތައް މިހާރު ރަށްތަކަށް ފޯރުކޮށްދެމުންދާއިރު، މިއާއެކު އަތޮޅުތެރޭގައި އެމްބިއުލާންސް ހަލާކުވެ ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެއެވެ. އެގޮތުން ބައެއް ރަށްރަށުގަ ބަލި މީހުން ގޮވައިގެން ގާޑިޔަލުގައާއި ޕިކަޕް ފަދަ ތަކެތީގައި ގެންދަން ޖެހޭ މައްސަލަ ވަނީ ފެންމަތިވެފައެވެ.

