ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ހިންގާ އަސްކަރީ ތަމްރީނު "އެކްސަސައިޒް އެކުވެރިން 2021″ މިއަދު ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ "އެކްސަސައިޒް އެކުވެރިން" އަކީ ރާއްޖެއާއި އިންޑިއާގެ އަސްކަރިއްޔާއާ ދެމެދުގައި އުފެދިފައިވާ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އެކްސަސައިޒެއް ކަމަށެވެ.
މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް ލ.ކައްދޫގައި ކުރިއަށްދާ މި އެކްސަސައިޒް ފެށުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް ލ.ކައްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ ކާނަލް އިބްރާހީމް ޙިލްމީއެވެ.
އެމްއެންޑީއެފުން ބުނީ، މި ތަމްރީނުތަކުގައި މައިގަނޑުގޮތެއްގައި އުގަންނައިދެވޭނީ ރާއްޖޭގައި ވޯޓަރ ބޯން އޮޕަރޭޝަންތަކާއި އެއާ ގުޅުންހުރި އިތުރު އަސްކަރީ ތަމްރީނުތަކެވެ. މި އެކްސަސައިޒްގެ ތަމްރީނުތައް އެއްގަމާއި ކަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ލ.ކައްދޫގެ އިތުރުން ލ.އަތޮޅުގެ ބައެއް ފަޅު ރަށްތަކުގައި ވެސް ތަމްރީނުތަކުގެ ބައިތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިފަހަރުގެ އެކްސަސައިޒުގައި އިންޑިއާގެ އަސްކަރިއްޔާއިން ބައިވެރިވަނީ 11 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓްގެ 43 ސިފައިން ކަމަށާއި ރާއްޖެއިން މި ތަމްރީނުގައި ބައިވެރިވަނީ އެމްއެންޑީއެފްގެ މެރިންސް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

