ފެރިދޫ ކައުންސިލާއި ރައީސް ބައްދަލުކުރައްވައިފި

ފެރިދޫ ކައުންސިލާއި ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ފެރިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.

އެރަށުގެ ބަނދަރު ހެދުމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ބޭނުންވާކަމަށާއި އައު މިސްކިތެއްގެ އިތުރުން ޒުވާނުންނަށް ޚާއްޞަކޮށް އެކި ކުޅިވަރުތައް ކުޅެވޭނެފަދަ މަރުކަޒެއް ބިނާކުރުމާއި އަދި އެރަށުގައި ހުންނަ އއ. އަތޮޅު ސްކޫލަށް މަލްޓިޕާޕަސް ހޯލެއް އިތުރުކުރުމާއި އެޓީއެމްގެ ޚިދުމަތް ބޭނުންވާކަން ކައުންސިލަރުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ރަށުގެ އިޖުތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަންކަމާއި ގުޅޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފެރިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ބަނދަރު ހެދުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ބަނދަރުގެ މަސައްކަތާއިއެކު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވިދާނެތޯ ބައްލަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ވެސް ކަމާގުޅޭ މިނިސްޓްރީތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީގެ ކަންކަން ހިންގުމުގައި ވަކި ރަށެއް ތަފާތުކުރުމެއްނެތި ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދަވާނެކަން ފާހަގަކުރެއްވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *