އެކުވެރި ސުވަދީބު ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުން މިއަދު އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކޮށްފިއެވެ.
މިއަދު ހެނދުނު 11 ޖެހިއިރު އިލެކްޝަންސް ކޮމިޝަންގެ އިދާރާގައި އޮތް ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ މެމްބަރުންނާއި އަދި އެކޮމިޝަންގެ ލީގަލް ޓީމުން ބައިވެރިވެވަޑައިގެންނެވިއެވެ. މިބައްދަލުވުމަކީ "އެކުވެރި ސުވަދީބު ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްއެދި ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު، ސ.ހުޅުދޫ ރަސްގެދަރު، މުޙައްމަދު ޔާސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމަކާއި ގުޅިގެން އޭގެ ޖަވާބުގައި ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ފޮނުއްވި ސިޓީގައި "އެކުވެރި ސުވަދީބު ޕާޓީ"ގެ ނަން ފާސްކޮށްދެވެން ނެތްކަމަށް ވިދާޅުވެފައިވާތީވެ މިކާމާއި ގުޅޭގޮތުން ބޭއްވެވި މަޝްވަރާ ބައްދަލުވުމެކެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ޔާސީނު ހުށަހަޅާފައިވާ ނަމަކީ ގާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓިގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާފަދައިން ރާއްޖޭގެ ވަކިސަރަހައްދަކަށް ނިސްބަތްވާ ނަމެއް ކަމަށާއި، އަދި ހަމައެހެންމެ މިނަމަކީ ސިޔާސީ ޕާޓީގެ ގަވައިދުގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ އިޚްތިޔާރުގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ގަބޫލު ނުކުރެވޭ ނަމެއްކަމަށެވެ.
މިކަމާއި ގުޅިގެން އިތުރަށް މަޝްވަރާކުރުމަށްޓަކައި ޔާސީނުގެ އެދިލެއްވުމަކަށް މިއަދު ބޭއްވެވި ބައްދަލުވުމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ވިދާޅުވީ އެކޮމިޝަނަށް ލިބިފައިވާ ގާނޫނީ ލަފާގެ މަތިން މިނިންމުން އިތުރަށް މުރާޖަޢާކޮށްދެވެން ނޯންނާނެކަމަށެވެ.
މިބައްދަލުވުމަށްފަހު ޔާސީނު ވިދާޅުވީ "ސުވަދީބު" މިނަމަކީ ކުރީ ޒަމާނުގައި ޖޯގްރަފިކަލީ ދެކުނުގެ 4 އަތޮޅު ހިމެނޭ ސަރަހައްދަށް ނިސްބަތްކޮށް ކިޔުނު ނަމަކަށްވިޔަސް، ދިވެހި ދައުލަތުގެ އެއްވެސް ރަސްމީ ލިޔެކިޔުމަކުން ރާއްޖޭގެ ސަރަހައްދަކަށް ނިސްބަތްކޮށް ކިޔާ ނަމެއްކަން އެގެން ނެތްކަމަށެވެ. އަދި އެކުވެރި ސުވަދީބު ޕާޓީ އުފެއްދުމަށް މަސައްކަތް ކުރައްވާ ޓީމަށް މިހާތަނަށް ލިބިފައިވާ ގާނޫނީ ލަފާތަކަށް ބަލާއިރުވެސް މިކަންއޮތީ މިހެންކަމަށާއި އެހެންކަމުން އިލެކްޝަންސް ކޮމިޝަނަށް ގާނޫނީ ހައިސިއްޔަތަކުން މިޖަވާބުދެވެން ނެތްކަމަށެވެ. ވީމާ މިމައްސަލާގައި އިތުރަށް ގޮތެއް ނިންމައިދިނުމަށްއެދި, ގާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓިގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ ދަށުން ކޯޓު މަރުހަލާއަކަށް ދިޔުމަށް މަޝްވަރާ ކުރަމުން އަންނަކަމަށެވެ.
އަދި މީގެ އިތުރުންވެސް ޔާސީނު ވިދާޅުވީ ސުވާދީބަށް ނިސްބަތްކޮށް ޕާޓީއެއް އުފަންކުރުމުގެ މައިގަނޑު މަގުސަދަކީ ވެރިކަންކުރާ މާލޭގެ ސަރަހައްދުން ބޭރުން ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައިވެސް ސިޔާސީ ހަރަކާތްތައް ފެށުމަށް ޖާގަހޯދުންކަމަށެވެ. އަދި މިރާއްޖެ ތަރައްގީ ކުރުމަށް މިވަގުތު ހުރި ގޮންޖެހުންތަކަށް ބަލާއިރުވެސް މިފެންނަކީ ހުރިހާކަމެއް މަރުކަޒީ ކުރެވި އެއްސަރަހައްދަކަށް ޖަމާވެފައިވާ މަންޒަރުކަމަށާއި އެގޮތުން ސިޔާސީ ފިކުރުތައްވެސް ވަނީ މަޒުކަޒީ ކުރެވިފައިކަމަށެވެ.
"ކީއްވެގެންތޯ ރާއްޖޭގެ އެންމެ އުތުގެ ރައްޔިތުން ނޫނީ އެންމެ ދެކުނުގެ ރައްޔިތުންގެ ސިޔާސީ ފިކުރަކަށް ޖާގަ ނުދެވެންވީ؟ ހަމަ އެފަދަ ފިކުރެއްގެ ތެރެއިންވެސް އަޅުގަނޑުމެންނަށް މުޅިރާއްޖެ ތަރައްގީ ކުރެވިދާނެ. ވަކިން ޚާއްސްކޮށް ރާއްޖޭގެ އަތޮޅުތަކުގެ ހާލަތު ބަދަލުކުރުމަށް މިވަގުތު ރާއްޖޭގައި މިއޮތް ސިޔާސީ މާހައުލަށް ގެންނަންޖެހޭ އެންމެ މުހިންމު އިންގިލާބީ ބަދަލަކީވެސް އަޅުގަނޑު ދެކޭގޮތުގައި މިއީ". ޔާސީނު ވިދާޅުވިއެވެ.
އަދި ހަމަ އެހެންމެ ޔާސީނު ވިދާޅުވަނީ ސުވަދީބަކީ ތަރައްގީގެ ފިކުރެއްކަމަށާއި އިރާދަކުރެއްވިއްޔާ މިޕާޓި ވުޖޫދުކޮށް ހަގީގީ މާނައިގައި ރާއްޖޭގެ އަތޮޅުތަކުގެ ހާލަތު ބަދަލުކޮށް ސަރަހައްދީ އިގްތިސާދުތަކެއް ގާއިމުކޮށްދޭނީ މިޕާޓީންކަމަށެވެ.

