ތަސްލީމް އަދި އަލިމަނިކުގެ ބަންދަށް އިތުރު 5 ދުވަސް

ތަސްލީމް އަދި އަލިމަނިކުގެ ބަންދަށް އިތުރު 5 ދުވަސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހއ. މޮޅަދޫ / ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ. ހޯރަފުށި / އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ ބަންދަށް އިތުރު 5 ދުވަސް ދީފިއެވެ.

ތަސްލީމް އަދި އަލީމަނިކްގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދިފައިވަނީ އެ ދެމީހުވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ. އެމީހުން ބަންދުގައި ބޭތިއްބުމަށް އެދިފައިވަނީ އެމީހުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބެލެވޭތީއެވެ.

މިއަދުގެ އަޑައެހުމުގައި އަލީމަނިކް ވަނީ ބަންދުގައި ގިނަ ދުވަހު ހުންނަންޖެހިފައިވާކަން ފާހަގަކޮށް އާއިލާއާ ބައްދަލުނުވާތީ ބަންދަށް ލުޔެއް ދިނުމަށް އެދިފައެވެ. ތަސްލީމް އެދިފައިވަނީ ވަކީލެއްގެ ހާޒިރުގައި ކުރިއަށްދިއުމަށެވެ.

ދެފަރާތުގެ ވާހަކަތަކަށް ބެލުމަށްފަހު މައްސަލަ ބައްލަވާ ގާޒީ ނިންމެވީ، ދެމީހުންގެ ބަންދަށް ފަސް ދުވަސް ދިނުމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަކީލަކު ނުހޯދައިފިނަމަ ދެފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް ބަންދާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

އަލީމަނިކާއި ތަސްލީމްގެ މައްޗަށް ދައުވާކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 1-16 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *