އޭއީއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ލައިފް ސަޕޯޓް ޓްރޭނިން ޕްރޮގްރާމެއް ހިންގައިފި

އޭއީއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ލައިފް ސަޕޯޓް ޓްރޭނިން ޕްރޮގްރާމެއް ހިންގައިފި

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ކުރިއަށްދިޔަ އެޑްވާންސް ލައިފް ސަޕޯޓް އެންޑް ކްރިޓިކަލް ކެއަރ ޕްރޮގްރާމް ނިންމާލައިފިއެވެ.

މިމަހު 17ން 21ށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އެސްޓީއޯ ގުޅިގެން އޭއީއެޗް އާއި ފުވައްމުލައް ހޮސްޕިޓަލުގެ ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ.

5 ދުވަހަށް ކުރިއަށް ދިޔަ މި ޕްރޮގްރާމްގެ ފެސިލިޓޭޓަރ އަކީ ދުނިޔޭގެ ފެންވަރުގެ ސަޓިފައިޑް ހެލްތް ކެއަރ ޓްރެއިނިން ފޯރުކޮށްދެމުން އަންނަ "ކޯޑް ބްލޫ" އެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގައި 10 ޑޮކްޓަރުންނާއި 13 ނަރުހުން ބައިވެރިވިއިރު އޭގެ ތެރޭގައި ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރަކާއި 2ނަރުހުން ވެސް ހިމެނެއެވެ. މި ޕްރޮގްރާމްގެ ތެރޭގައި ބައިވެރިންނަށްވަނީ "އެއާވޭ މެނޭޖްމަންޓް އެންޑް ހީމޯޑައިނަމިކް މޮނިޓަރިންގ" އާއި "އިމަރޖެންސީ ޓްރައުމާ ލައިފް ސަޕޯޓް އެންޑް މާސް ކެޝުއަލްޓީ މެނޭޖްމަންޓާއި"  އަދި "އެޑްވާންސްޑް ކަރޑިއޯވެސްކިއުލަރ ލައިފް ސަޕޯޓް" އާއި ގުޅުންހުރި ތަމްރީންތަކާއި ޕްރެކްޓިސްތައް ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް ސެޝަން ނަންގަވައިދެއްވީ އެމަރޖެންސީ ފިޒީޝަނުންކަމަށްވާ ޑރ. އާމިނަތު ޒޭބާ އަހްމަދު އާއި އަދި ޑރ. އަހްމަދު ޒިޔާން ގެ އިތުރުން އޯތޮޕީޑިކް އެންޑް ޓްރޯމާ ސާޖަން ޑރ. ޔޫސުފް ޝާން އާއި ނިއުރޯ ސާޖަން ޑރ. އަލީ ނިޔާފް އަދި  ޖެނެރަލް ޕްރެކްޓިސް ސްޕެޝަލިސްޓް ޑރ. އިބްރާހިމް އިޔާޒްއެވެ.

މި ޕްރޮގްރާމް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އާމިނަތު ޒޭބާ އަހްމަދު ވިދާޅުވީ ދާއިރާތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ބަލިމީހުންގެ ޚިދުމަތުގައި ތިއްބެވި ޑޮކްޓަރުންނާއި ނަރުހުންނަށް މިފަދަ ސްކިލްޑް ބޭސްޑް ޕްރެކްޓިކަލްތަކަކީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ބެސްޓް ޕްރެކްޓިސް ފަރުވާއަކަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށާއި އެގޮތުން ބައިވެރިންވާނީ އަނިޔާގައިވާ ބަލިމީހާއަށް ފަރުވާދޭނެގޮތާއި އަދި ޓްރައުމާ ލައިފް ސަޕޯޓާއި ގުޅުންހުރި ގިނަ ދާއިރާތަކަކުން ތަމްރީން ހޯއްދަވާފައި ކަމަށެވެ. 5 ދުވަހުގެ ޓްރޭނިންގއެއް ނިންމާލިއިރު ޑރ. ޒޭބާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހުރިހާ ބައިވެރިން ވެސް 70 އިން މަތިން މާކްސް ހޯދައިގެން ބައިނަލް އަޤްވާމީ ފެންވަރުގެ ސެޓްފިކެޓް ޙާސިލު ކުރި ކުރުމެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ސެމިނާ ރޫމްގައި އޮތް މިޓްރެއިނިން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި އޭއީއެޗްގެ ސީއީއޯ ޑރ. މުޙައްމަދު ސާލިޙު ވެސް ވަނީ ބައިވެރިވެ ވަޑައިގެން ޓްރެއިނިން ފުރިހަމަ ކުރައްވާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *