ފުލުހުންގެ ޚިދުމަތް، ހޯމް މިނިސްޓްރީގެ ދަށަށް އަނެއްކާވެސް ބަދަލުކޮށްފި

ފުލުހުންގެ ޚިދުމަތް، ހޯމް މިނިސްޓްރީގެ ދަށަށް އަނެއްކާވެސް ބަދަލުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނާ އެއްގޮތަށް ފުލުހުންގެ މުއައްސަސާގެ އެންމެހައި ކަންކަން ހިންގާނީ އަނެއްކާ ވެސް ހޯމް މިނިސްޓަރީގެ ބެއްލެވުމުގެ ދަށުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިކަން ހާމަކުރައްވާފައިމިވަނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ފުލުހުންގެ ޚިދުމަތުގެ ކަންކަން ނަގާފައިވާކަމަށްބުނެ މީޑިއާތަކުގައި ޚަބަރުތައް ފަތުރާފައިވާ ދަނޑިވަޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ 2008ވަނަ އަހަރު އަމަލުކުރަންފެށި އައު ޤާނޫނު އަސާސީއާއެކު ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދަވައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"އަކީ، މިދިޔަ އަހަރު އަމަލުކުރަން ފެށި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް" ކަމުގައި އެ ޤާނޫނުގައި ބަޔާންކުރާތީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދިޔަ "މޯލްޑިވްސް ޕޮލިސް ސަރވިސް"އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައި އޮތް އޮތުން، މިއަހަރުގެ މާރިޗުމަހުގެ 27ވަނަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ނިމުމަކަށް ގެންނަވާފައިވާ ކަމަށެވެ.

އަދި މިދިޔަ އަހަރު ޢަމަލުކުރަންފެށި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތަށް" ޒިންމާވާނެ ވަޒީރަކީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގައި މިދިޔަ މާޗްމަހުގެ 27ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާކަމަށެވެ.

އެހެންކަމުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލައި، އަދި ފުލުހުންގެ ޚިދުމަތް ހިނގަމުންދަނީ އެޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި، މިނިސްޓަރ އޮފް ހޯމް އެފެއާޒު އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސެވުމުގެ ކަންކަން، މާރިޗު 27އިން ފެށިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖައްސަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތަށް ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ޖައްސަވަމުންގެންދަވާނީ، މިހައިތަނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހަމަޖައްސަވައިފައިވާ ނަންބަރު 171 ކަމުގައި ރައީސް އޮފީހުން ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *