ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 3 މަހުގެ ކުއްޖެއް ނިޔާވެއްޖެއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 3 މަހުގެ ފިރިހެން ކުއްޖަކު ނިޔާވެފައިވާކަމަށެވެ. އެ ކުއްޖާ ނިޔާވީ، ހާލުދެރަވެގެން ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައިކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވެއެވެ. މިއީ ރާއްޖޭގައި މިހާތަނަށް މި ބަލީގައި ނިޔާވި އެންމެ ހަގު ކުއްޖާއެވެ. މީގެ ކުރިން އުމުރުން 10 އަހަރުގެ ކުއްޖަކު މި ބަލީގައި ރާއްޖޭގައި ވަނީ ނިޔާވެފައެވެ.
މިއީ ކޮވިޑް ބަލީގައި ތިނަދޫއިން ރިކޯޑް ކުރެވުން 6 ވަނަ މަރެވެ. ތިނަދޫއިން ނިޔާވި ކުއްޖާއާއެކު، ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު ވަނީ 239އަށް އަރާފައެވެ.
ތިނަދޫގައި މިވަގުތުވެސް އެކްޓިވް ކޭސްތަކުގެ ގޮތުގައި 16 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް މި އެންމެންނަށް ފަރުވާދެމުންދަނީ ގޭގައި ބައިތިއްބައިގެންކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.

