މިސްރުން ރާއްޖޭގެ ކޮވިޑް ވެކްސިން ސެޓިފިކެޓް ބަލައިގެންފި

މިސްރުން ރާއްޖޭގެ ކޮވިޑް ވެކްސިން ސެޓިފިކެޓް ބަލައިގެންފި

ރާއްޖޭގެ ކޮވިޑް ވެކްސިން ސެޓިފިކެޓް މިސްރުން ގަބޫލުކުރާނެ ކަމަށް އެގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހުޞައިން އަލް ސަހާރޓީ ވިދާޅުވެއްޖެ އެވެ.

ސަފީރު އެގޮތަށް ވިދާޅުވީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގެ ތެރެއިންނެވެ.

ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މިޞްރު ސަރުކާރުން ފާއިތުވި އަހަރުތަކުގައި އެކި ގޮތްގޮތައް ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްގުޅުން ފާހަގަކުރައްވައި އެކަމަށްޓަކައި މިޞްރު ސަރުކާރަށާއި މިޞްރުގެ ސަފީރު އަލް ސަހާރޓީއަށް ޝުކުރުއަދާކުރައްވާފައެވެ.

އެގޮތުން ރައީސް ވަނީ މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގައި މަތީ ތަޢުލީމު ޙާޞިލުކުރުމަށް މިޞްރު ސަރުކާރުން ރާއްޖޭގެ ދަރިވަރުންނަށް ސްކޮލަރޝިޕްއާއި ރާއްޖެއަށް ބޭނުންވާ އިންސާނީ ވަޞީލަތްތަކުގެ ރޮނގުން މިޞްރު ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، 2019 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި ބޭއްވެވި މަތީ ފަންތީގެ ސިޔާސީ މަޝްވަރާތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އާއި މިޞްރުގެ ސަފީރުގެ  އިތުރަށް މަޝްވަރާކުރެއްވެވި ކަންކަމުގެ ތެރޭގައި އެއް ޤައުމާ އަނެއް ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އިސްލާމް ދީނާ ގުޅޭގޮތުން އަދި ދެޤައުމުން ޝައުޤުވެރިވާ ކަންކަމުގައި އެއްބާރުލުން ދިނުމާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާ ގުޅޭ ކަންކަމުގައި އެކުގައި މަސައްކަތްކުރުން ހިމެނެއެވެ.

މީގެ އިތުރުން ވެސް ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އެކިދާއިރާތަކުން ހުރި ފުރުޞަތުތައް ފާހަގަކުރައްވައި ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއަކީ މިޞްރާ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކެއްކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *