ސަޢުދީ އަރަބިއްޔާގެ ޖަޒާން ސީޓީގައި ކިންގް ޢަބްދުﷲ އެއަރޕޯޓަށް ދިން ބޮމުގެ ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ހޫތީ ހަނގުރާމަވެރިންތަކެއް ގޮވާ ޒާތުގެ ޑްރޯން ބޭނުންކޮށްގެން މިމަހުގެ 8 ވަނަ ދުވަހު ކިންގް ޢަބްދުﷲ އެއަރޕޯޓަށް ދިން ބޮމުގެ ޙަމަލާގައި 10 މީހަކު ޒަޙަމްވެފައިވާކަމަށް ސަޢުދީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
މި ޙަމަލާ ކުށްވެރިކުރައްވާ ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި އެއަރޕޯޓްތައް ފަދަ އާއްމު ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނަށް ގަސްތުގައިދޭ މިފަދަ ޙަމަލާތަކަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫންކަމަށާއި، އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުޞޫލުތަކާވެސް ކަނޑައެޅިގެން ޚިލާފު ކަމެއްކަމަށް ވިދާޅުވެފައިވެއެވެ.
ދިވެހި ސަރުކާރުން މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ޓެރެރިޒަމަށް ހިތްވަރުދޭ މިބާވަތުގެ ފިނޑި ޢަމަލުތަކަށް ރާއްޖޭން ހިތްވަރު ނުދޭކަމަށްވެސް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މިފަދަ ހަމަލާތަކަކީ އެތައް ބައެއްގެ ފުރާނަ ނުރައްކަލަ ހުށަހެޅި، ސަރަޙައްދުގެ ސުލްޙަ މަސަލަސްކަން ގެއްލޭނެފަދަ ނުރައްކާތެރި ހަމަލާތަކެއްކަމަށާއި މިފަދަ ކަންކަމުންވެސް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިއްމުކަން ހާމަވާކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއެވެ. އަދި މިފަދަ ކަންކަމަށް އަވަސް ހައްލުތަކެއް ހޯދާ، ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަން ޤާއިމުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހޭކަން ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

