ޤައުމީ އެއާލައިން މޯލްޑިވިއަންގެ ގިނަ އަދަދެއްގެ ޕައިލެޓުން ކުންފުނިން ވަކިވެއްޖެއެވެ. އެއާ އެކު އެކުންފުނީގެ އިސްވެރިންތަކެއް ވެސް އެ ބޭފުޅުންގެ މަޤާމުތަކުން އިސްތިއުފާ ދެއްވައިފިއެވެ.
"ސުވަދީބް"އަށް މައުލޫމާތު ދެއްވި މޯލްޑިވިއަންގެ ސީ ޕްލޭން ފުލީޓުގެ ސީނިއާ ޕައިލެޓަކު ވިދާޅުވި ގޮތުގައި މޯލްޑިވިއަންގެ ވެރިންގެ ތެރެއިން އިސްތިއުފާދެއްވި ބޭފުޅުންގެ ތެރޭގައި އެ ކުންފުނީގެ ހެޑް އޮފް ޓްރެއިނިން ހިމެނިވަޑައިގަންނަވާކަމަށާއި، އެ ބޭފުޅާ މީގެ ދެ ދުވަސްކުރިންވަނީ އިސްތިއުފާ ހުށަހަޅުއްވާފައިކަމަށްވެސް މައުލޫމާތު ދެއްވި ޕައިލެޓް ވިދާޅުވިއެވެ. އަދި އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް ވެސް މަޤާމުން ވަކިވެވަޑައިގެންފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހެޑް އޮފް އޮޕަރޭޝަންސް މަޤާމުން ވަކިވެވަޑައިގަތުމަށް ނޯޓިސް ދެއްވާފައިވަނީ މިއަދު ކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
ޕައިލެޓުންގެ މައިގަނޑު މައްސަލައަކަށްވީ މެނޭޖްމަންޓުގެ މައްސަލަތަކެވެ. ޕައިލެޓުން ބުނާގޮތުގައި މިވަގުތު އިސްބޭފުޅަކަށް ހުންނެވި މުހައްމަދު މިހާދް އަކީ އެކަމަށް ނާގާބިލް އަދި އެކަމުގެ ތަޖުރިބާ ހުރި ބޭފުޅެއް ނޫން ކަމަށެވެ. އޭނާ ބުނާ ގޮތުގައި އަލަށް ޓެކްނިކަލް ޓީމަށް ނެގި މުވައްޒަފުންތަކަކީ ނުފޫޒުގެ ބޭނުންކޮށްގެން ނަގާފައިވާ ބައެއ ްކަމަށާއި އަދި އެމީހުންގެ ސަބަބުން އެ ދުވަސްކޮޅު ވެސް ބައެއް ޕައިލެޓުން ވަނީ މުޒާހަރާކޮށް ވަޒީފާއިން އިސްތިއުފާ ދީފައިވެއެވެ. އެގޮތުން މޯލްޑިވިއަންގެ މުވައްޒަފުން ކެނޑުނީ އެހެން އޮޕަރޭޓަރުންނަށް މި ދުވަސްވަރު ބޮޑެތި މުސާރަތައް ހުށަހަޅާތީ އާއި ކޮވިޑާ ގުޅިގެން ކުޑަކުރި 60 ޕަސެންޓް މުސާރަ އިއާދަނުކޮށް ދިގުދަންމަވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޮވިޑްގެ ކުރިން ދަތުރުތައް ކުރަމުން ގެންދިޔަވަރަށް މިހާރު ދަތުރުތައް ކުރާކަމަށެވެ.
އަދި އެ ކުންފުނީގެ މާލީ ހާލަތު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ގޯސްވީ ކުންފުނި ހިންގުމަށް ތަޖުރިބާއެއް ނެތް ފަރާތްތައް ލެއްވުމުގެ ސަބަބުން ކަމަށާއި އަދި އެ ކުންފުނީގެ ސީ ޕްލޭން ފުލީޓުގެ ގިނަ އަދަދެއްގެ ޕައިލެޓުންނާއި ޗީފް ޕައިލެޓުވެސް މިހާރު އެ ކުންފުނި ދޫކުރައްވަން ނިމްމާފައިވާކަމަށް ވެސް އޭނާ ވިދާޅުވެދެއްވިއެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމު ވިދާޅުވީ ހެޑް އޮފް ޓްރެއިނިންއާއި ހެޑް އޮފް އޮޕަރޭޝަންސް އެ ބޭފުޅުންގެ މަޤާމުތަކުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.

