ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތުގެ ދަށުން، ޒޯން އެކެއްގެ ދަތުރުތައް ނޮވެމްބަރު މަހު ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫޢުގެ ފެރީ އުޅަނދުގެ ސީ ޓްރަޔަލް މި މަހުގެ މެދުތެރޭގައި ބޭއްވުމަަށްޓަކައި ވަމުން އަންނަ ތައްޔާރީތައް ބެއްލެވުމަށް މިނިސްޓްީރިއަލް ސްޓީރިންގ ކޮމިޓީގެ ބޭފުޅުން މިއަދު ވަނީ ގަލްފް ކްރާފްޓްގެ ބޯޓު ޔާޑަށް ވަޑައިގެންފައެވެ. މި ދަތުރުގައި މިނިސްޓަރ މުހައްމަދު އަސްލަމް އާއި ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލްޣަނީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޚިދުމަތަށް ބޭނުންވާ ސްޕީޑް ފެރީތަކާއި، ފެރީ ޓަރމިނަލާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އިންޓަރގްރޭޓެޑް ފެރީ ނިޒާމުގެ ޚިދުމަތަށް ބޭނުންވާ ފެރީތައް ބަންނަނީ ގަލްފް ކްރާފްޓާ ހަވާލުކޮށްގެނެވެ. ޒޯން 1ގެ ޚިދުމަތަށް 17 ފެރީ ބަނުމަށް ހަމަޖެހިފަވާއިރު، މީގެ ފުރަތަމަ ފެރީގެ މަސައްކަތް ނިންމާ މިމަހު ޓެސްޓުކުރުމަށްވަނީ ހަމަޖެހިފައެވެ
މިޕްރޮޖެކްޓްގައި ރާއްޖޭގެ ސަރަޙައްދުތައް ޖުމްލަ 6 ޒޯނަށްވަނީ ބަހާލާފައެވެ. ޒޯން 1ގައި ހިމެނޭ ހ.އ، ހ.ދ އަދި ށ. އަތޮޅުގަ މީހުން ދިރިއުޅޭ 40 ރަށް ހިމެނެއެވެ.

