ދިވެހި ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކުރައްވާފައިވާ މަޝްހޫރު ފިލްމީ ތަރި، މއ.ޗިޅިޔާވިލާ ޗިޅިޔާ މޫސާ މަނިކު އަވަހާރަވެއްޖެއެވެ.
އާލާސްކަންފުޅާ އުޅުއްވުމަށްފަހު މޫސާ މަނިކު އަވަހާރަވެފައި ވަނީ މިރޭގެ ވަގުތެއްގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ޙަރަކާތްތެރިވަމުންދާ ފަންނާނުންގެ އެދުރެއްގެ ގޮތުން، އެންމެ ކުރީ ސަފުގައި މަސައްކަތްކުރެއްވި ޗިޅިޔާ މޫސާ މަނިކަކީ، ފަންނުވެރި އަދި މަޝްހޫރު ކުރެހުންތެރިއެއްވެސްމެއެވެ.
ޗިޅިޔާ މޫސާ މަނިކު ދިވެހި ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ފެނިގެންދިޔައީ، 1982ވަނަ އަަހަރު ޓެލެވިޜަން މޯލްޑިވްސުން ތައްޔާރު ކުރެއްވި "ޣާޒީ ބަންޑާރައިން" ފިލްމުންނެވެ. އެ ފިލްމުގައި އޭނާ އަދާކުރައްވާފައިވާ ވިޔަޒޯރުގެ ބަޔަށް، ގިނަ ބައެއްގެ ތަޢުރީފު ލިބިގެންދިޔައީ، ޙަޤީޤަތާ އެއްގޮތަށް އޭނާ ދެއްކެވި މޮޅު ހުނަރުގެ ސަބަބުންނެވެ.
ތަމްސީލު ކުޅުއްވުމުގެ ދާއިރާއިން ފިލްމީ ދާއިރާއަށް ޗިޅިޔާ މޫސާ މަނިކަށް ވެދެވަޑައިގެންނެވުނީ 1977 ވަނަ އަހަރުއެވެ. މަޖީދިއްޔާ ސްކޫލްގެ ގޯލްޑަން ޖުބިލީ ފާހަގަކުރެއްވިއިރު ބޭއްވި ސްޓޭޖް ތަމްސީލު ޝޯތަކުންނެވެ. ތަމްސީލު ކުޅުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު، 1983 ވަނަ އަހަރު ސަރުކާރުން އޭނާއަށްވަނީ ދެއްވާފައެވެ.
50 އަށްވުރެ ގިނަ ފިލްމުގައި ތަފާތު އެކިބައިތަކުންނާއި 30 އަށްވުރެ ގިނަ ޑްރާމާގައިވެސް ޗިޅިޔާ މޫސާ މަނިކަށް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޗިޅިޔާ މޫސާ މަނިކަށް "އާފަތިސް" އެވޯޑްވެސް ވަނީ ލިބިވަޑައިގެންފައެވެ. މިގޮތުން، އެންމެމޮޅު ދިވެހި ވާހަކައާއި، އެންމެ މޮޅު ޑައިލޮގް ލިޔުއްވައިގެން ދިވެހި ފިލްމު "ޒަޚަމް" އިން 1995 ވަނަ އަހަރު ބެސްޓް ޑައިލޮގް، ބެސްޓް ސްޓޯރީގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި 1996 ވަނަ އަހަރު ބެސްޓް ސަޕޯޓިންގ އެކްޓަރުގެ މަގާމު، ފިލްމު "ހަގު އަނބި"ން އޭނާ ހޯއްދަވާފައިވެއެވެ. މިރޮނގުން އޭނާ ވާނީ "މިއަދު" ނޫހުގެ ކްރިސްޓަލް އެވޯޑް 2008ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯށްވެސް ހާސިލްުކުރައްވާފައެވެ.
އަދި ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ ފިލްމާއި ތަމްސީލް ކުޅުމުގެ ރޮނގުން 2009ވަނަ އަހަރު ސަރުކާރުންވަނީ ޗިޅިޔާ މޫސާމަނިކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާފައެވެ. ސަރުކާރުންވަނީ ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމެއް އޭނާއަށް 2009ވަނަ އަހަރު ދެއްވާފައެވެ.

