މައުމޫން ޖާބިރަށް ދީފައިހުރި ގެއްލުންތައްވެސް ބަލަންޖެހޭ: ދިޔާނާ

މައުމޫން ޖާބިރަށް ދީފައިހުރި ގެއްލުންތައްވެސް ބަލަންޖެހޭ: ދިޔާނާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު، މ. ކިނބިގަސްދޮށުގެ އަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގެއްލުންދިން މައްސަލަ ބަލާއިރު، ރައީސް މައުމޫން މީހުންނަށް ދީފައިވާ ގެއްލުންތައްވެސް ބަލަން ޖެހޭނެ ކަމަށް ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިނާޔާ މިހެން ވިދާޅުވީ ކިނބިގަސްދޮށުގެ އަށް ޖާބިރު ގެއްލުން ދިން މައްސަލަ ފުލުހުން ބަލަމުންދާތީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ދިޔާނާ ވިދާޅުވީ ކިނބިގަސްދޮށުގެއަށް ޖާބިރު ގެއްލުމެއް ދީގެން އެ މައްސަލަ ފުލުހުން ބަލާނަމަ ރައީސް މައުމޫން، ޖާބިރަށް ދީފައިވާ ގެއްލުމުގެ މައްސަލަ ވެސް ބަލަންވާނެ ކަމަށެވެ.

ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދު ފުލުހުން ޓެގް ކުރައްވާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް މައުމޫންގެ ފަރާތްޕުޅުން ޖާބިރަށް ލިބުނު ގެއްލުމާ ގުޅޭ މައްސަލަ ފުލުހަށް ހުށަހެޅިތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި، އެހެންކަމުން ރައީސް މައުމޫނަށް ލިބިވަޑައިގެންނެވި ގެއްލުމެއް ބެލޭނަމަ ރައީސް މައުމޫން، އެހެން މީހުންނަށް ދީފައިވާ ބޮޑެތި ގެއްލުންތައް ނުބެލޭ ގޮތަށް އޮތުމަކީ ގޯހެއް ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަނބުރާ ދައްކަވާ ގޮތަށް ޖާބިރުގެ އަތްޕުޅުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނެންގެވުމަށްފަހު އެ ފައިސާ ނުދައްކަވާ ކަމަށް ޖާބިރު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ މައްސަލަ ފުލުހާއި ކޯޓަށްވެސް ހުށަހެޅުއްވި އެވެ.

ޖާބިރު ވަނީ އެ ފައިސާގެ ބަދަލުގައި ރައީސް މައުމޫންގެ ގެކޮޅު، ކިނބިގަސްދޮށުގޭގެ ރަޖިސްޓްރީ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިއްޔެގެ ވަގުތެއްގައި ޖާބިރު ވަނީ ކިނބިގަސްދޮށުގެ ކައިރިއަށް ގޮސް އެ ގެއާއި ހަވާލުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ގޭގެ ބޭރަށް ފެންނަން ހުރި ބައެއް ވެޔޮތަކަށް ގެއްލުން ދީފައިވެ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *