މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުވުމަށް އަންގައިފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި ފޮޓޯއާއެކު އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަކުކުރަމުންދާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މައްސަލަ ރައްދުވާ ފަރާތް ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރާކަމަށެވެ.
އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދެންދާ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގ، އަށް މިމަހުގެ 10 ވަނަ ދުވަހު ހާޒިރުވުމަށް އަންގާފައިވަނީ ސ. މަރަދޫ، މީނާޒް، މައުމޫން ނާޞިރު (43އ) އެވެ.
މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަމުންދާ މައްސަލައަކީ މިފަހަކަށް އައިސް ރާއްޖޭގައި ވަރަށް ގިނައިން ކުރަމުން އަންނަކަމެކެެވެ. އެގޮތުން ދާދިފަހަކުން ފުލުހުންވަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ބޭނުމުގަ މީހަކަށް ގުޅުމަށްފަހު ފައިސާ ހޯދަން ދިޔަ ދިވެހި ޒުވާނަކު ހައްޔަރުކޮށްފައެވެ.

