އަޟްހާ އީދާއި ގުޅިގެން އުރީދޫއިން ކަތިލި އުޟްހިޔާ ފިޔަވަތީގެ ޔަތީމުންނަށް ހަޔިޔާކޮށްފިއެވެ.
އުރީދޫއިން ކުރި ޓްވީޓެއްގައި ބުނީ އެކުންފުނިން އުޟްހިޔާ ކަތިލީ މާލެ ސިޓީ ކައުންސިލާއި ގުޅިގެންކަމަށެވެ. އަދި ކަތިލި އުޟްހިޔާ ވަނީ ފިޔަވަތީގެ ޔަތީމުންނަށް ބަހާފަކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.
އަދި އުރީދޫއިން ވަނީ އުޟްހިޔާ ކަތިލުމުގައި ހަރަކާތްތެރިވަމުން ގެންދާ މަންޒަރާއި ހަރަކާތްތެރިވި މީހުންގެ ފޮޓޯ ޓްވީޓާގައި ހިއްސާކޮށްފައެވެ.
މިއަދަކީ އަހަރު ތެރޭގައި އަންނަ އެންމެ މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަހަކަށްވާއިރު، މުސްލިމުން ފާހަގަކުރާ ބޮޑު އީދު ދުވަހަކީ ޒިކްރު ކުރުމާއި ޝުކުރު ކުރުމުގެ ދުވަހެކެވެ.
ވުމާއިއެކު ގިނަ މުސްލިމުން މިދުވަސް ފަށައިގަންނަނީ ޒިކުރާއި ތަކްބީރުތަކުން ފުރިގެންވާ އީދު ނަމާދުންނެވެ. އެއަށް ފަހު މުސްލިމުން ގުރުބާނީ ނުވަތަ އުޟްހިޔާ ކަތިލައެވެ.

