އައްމަޓީ ހައްޔަރުކުރުމަށް ހައިކޯޓުން އަމުރުކޮށްފި

އައްމަޓީ ހައްޔަރުކުރުމަށް ހައިކޯޓުން އަމުރުކޮށްފި

ސީލައިފް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކޮށް، އޭނާ އަލުން ހައްޔަރުކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ހައިކޯޓުގައި މިއަދު ބާއްވާފައިވާ އަޑުއެހުމުގައި ޕިޖީ އޮފީހުންވަނީ އައްމަޓީ ދޫކުރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދިފައެވެ.

މި ޝަރީއަތުގައި ވާހަކަ ދައްކަވަމުން ޕީޖީގެ ވަކީލު ވިދާޅުވީ، އެގޮތަށް އެދިފައިވަނީ އޭނާ ހެއްކަށް ނުފޫޒު ފޯރުވައިފާނެތީ ކަމަށާއި އޭނާ ޝަރީއަތަށް ފިލައި، ކޯޓަށް ހާޒިރު ނުވެދާނެތީ ކަމަށެވެ.

އައްމަޓީ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދަންޖެހޭ ހާލަތެއް ނެތްކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ 17 ވަނަދުވަހުގައެވެ. އައްމަޓީ ބަންދުން ދޫކޮށްފައިވަނީ މާލެއިން ފުރައިގެން ނުދިއުމާއި ރާއްޖެއިން ބޭރަށް ނުދިއުމަށް ޝަރުތުކޮށްފައެވެ.

އައްމަޓީގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގައި އައްމަޓީ ވަނީ އޭނާގެ ބަލިހާލަތު ބަންދުގައި ހުރުމަށް ތަންނުދޭކަމަށް ބުނެފައެވެ. އޭނާ ބުނެފައިވަނީ އޭނާގެ މައިބަދައިގެ ދެބަދައެއް ފިތި މައިނާރު ފިތުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހަކު މާފުށީގައި ހުރުމަށްފަހު މާލެ އައުމަކީ އުނދަގޫ ކަމެއްކަމަށް ބުނެފައެވެ، އަދި އޭގެ އިތުރުން އޭނާ ބުނެފައިވަނީ ޝަރީއަތަށް އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި ފިލައިގެންވެސް ނުދާނެ ކަމަށެވެ. އޭގެ ފަހުގައި އައްމަޓީވަނީ ބަންދަށް ލުޔެއް ދިނުމަށް އެދިފައެވެ.

ނަމަވެސް ދައުލަތުންވަނީ އެކަމަށް އިއުތިރާޒުކޮށްފައެވެ. އައްމަޓީއަކީ މީގެ ކުރިންވެސް ފިލައިގެން އުޅެފައިވާ މީހެއް ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތަތީ އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ނުފެންނަ ކަމަށް ޕީޖީގެ ވަކީލުވަނީ ވިދާޅުވެފައެވެ.

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ، ކުށެއް ކުރި ކަމަށް ސާބިތު ނުވާހާ ހިނދަކު އެ މީހަކީ ކުށްވެރިއެއް ނޫން ކަމަށާއި ތުހުމަތު ކުރެވޭ ހުރިހާ ފަރާތްތަކަށްވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ހުޅުމާލޭގައި ފުލެޓް އިމާރާތް ކުރަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އިމާރާތް ކޮށް ނުދީ، އަދި އެ ފައިސާވެސް ދީފައި ނުވާ މައްސަލައިގައި އައްމަޓީ ފިލައިގެން ގޮސް އުޅެމުން ދިޔައީ ސްރީ ލަންކާގައެވެ. 18 އޭޕްރީލް 2019ގައި އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުނެވެ. ފިލައިގެން އުޅެނިކޮށް ލަންކާއިން އައްމަޓީ ހައްޔަރު ކުރިކަން ފުލުހުން ހާމަކުރީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އޭނާ ރާއްޖެ ގެނެސްފައި ވަނީވެސް އިންޓަޕޯލާ ގުޅިގެންނެވެ.

އައްމަޓީގެ މައްޗަށް އުފުލާފައި ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ އެކެވެ. އެ ދައުވާތައް އައްމަޓީގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ ދަށުންނެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *