ގދ ތިނަދޫއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ޕޮޒިޓިވްވީ އެންމެ ފަރާތެކެވެ.
ތިނަދޫގައި ހުންނަ ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލްއިން ދާދިދެންމެއަކު ނެރެފައިވާ އަދާހަމައިން ދައްކާގޮތުގައި އެރަށުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަކު ޕޮޒިޓިވްވެފައިވާއިރު، ބަލިން ފަސޭހަވެފައިވަނީ 22 ފަރާތެކެވެ. އެއާއެކު އެރަށުގެ އެކްޓިވް ކޭސްގެ އަދަދުވަނީ 197 އަށް ތިރިވެފައެވެ.
ތިނަދޫއިން މިފަހަކުން އައިސް ކޮވިޑްގެ ކޭސްތަކެއް ފެނި އެރަށް މޮނިޓަރިންގ އަށް ލާފައި އޮންނަތާ 2 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެރަށުން ޖުމްލަ 846 ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދަނިކޮށް އެރަށުން 3 ފަރާތެއް ނިޔާވެފައިވާއިރު 647 ފަރާތެއްވަނީ ބަލިން ފަސޭހަވެފައެވެ.
ތިނަދޫގެ ހާލަތު ރަނގަޅުވަމުންދިއުމާ ގުޅިގެން އެރަށުގައި އަޅާފައިވާ ފިޔަވަޅުތަކަށް މިހާރުވަނީ ލުއިދީފައެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށްފަހު މިއަދުވަނީ ގައިދުރުކޮށް މިސްކިތްތަކުގައި ނަމާދުކުރުމުގެ ހުއްދަ ދީފައެވެ.

