ކޮވިޑް-19 އާއި ގުޅިގެން އެޑްމިޓް ކުރާ މީހުންގެ އަތުން ފައިސާއެއް ނުނަގާނެ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗުން އެހެން ބުނެފައި ވަނީ ކޮވިޑާއި ގުޅިގެން އެނދުމަތި ކޮށްފައިވާ ބިދޭސީއެއްގެ ބިލަށް އެރި ފައިސާ މައާފުކޮށްދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކައާ ގުޅިގެން ކުރި ޓުވީޓެއްގައެވެ.
"ކޮވިޑް އާއި ގުޅިގެން އެނދުމަތިކޮށް ދެވޭ ފަރުވާތަކަށް ދިވެހިން އަދި ބިދޭސީން ފައިސާ ދައްކަން ނުޖެހޭނެވާހަކަ ދަންނަވަމެވެ." އެ ހޮސްޕިޓަލުން ބުނެއެވެ.
ކޮވިޑްގައި ހާލު ސީރިއަސްވެ އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ބަންގްލަދޭޝް އަންހެނަކާއި، އޭނާގެ ބަނޑަށް ހަތް މަހުގައި ނަގަންޖެހުނު ދަރިފުޅުގެ ހޮސްޕިޓަލް ބިލަށް ތިން ލައްކައެއްހާ ރުފިޔާ އަރާފައިވާ ކަމަށާއި އެގޮތުން ބިލަށް އަރާފައިވާ ފައިސާ އައިޖީއެމްއެޗުން މަޢާފުކޮށްދީފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ މިއަދު ރިޕޯޓްކޮށްފައެވެ.
ކޯވިޑުން ދިފާއުވުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އަންނަނީ ދިވެހިންނާއި ބިދޭސީއެއް ތަފާތު ކުރުމެއް ނެތި ހިދުމަތް ދެމުންނެވެ. އެގޮތުން ކޮވިޑުން ދިފާއުވުމުގެ ވެކްސިން ވެސް އަންނަނީ ދިވެހިންނާއި ބިދޭސީންނަށް ހިލޭ ޖަހައިދެމުންނެވެ.

