އައްޑޫ ސިޓީ ހިތަދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދިނުމަށް ނިންމައިފިއެވެ.
ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށް ވަކިވަކިން ނަމާދު ކުރަން މިދިޔަ ހަފްތާގައި ހިތަދޫގެ މިސްކިތްތައް ވަނީ ހުޅުވާލާފައެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ ހިތަދޫގެ މިސްކިތްތަކުގައި އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް މިރޭ ފަތިސް ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ހިތަދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވަނީ މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ހިތަދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމަށް ހުއްދަ ދިނުމުގެ އިތުރުން މާދަމާ އިން ފެށިގެން އައްޑޫގެ ކެފޭ، ރެސްޓޯރެންޓުތަކުގައި އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް ވެސް ވަނީ ހުއްދަ ދީފައެވެ. މީގެ އިތުރުން ސެލޫންތަކާއި، ޖިމްތަކާއި ބޯކޮށާ ތަންތަނުން އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ހިދުމަތް ދިނުމަށް ވެސް ވަނީ ހުއްދަ ދީފައެވެ. މި ހިދުމަތް ދެވޭނީ ހެނދުނު 8:00 އިން ހަވީރު 6:00 ޖެހުމާ ހަމައަށެވެ.
ހިތަދޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް ކާފިއު ވަގުތަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެގޮތުން ހިތަދޫގައި އަންނަނީ ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކާފިއު ހިންގަމުންނެވެ.

