ހުޅުމާލޭގައި ސަރުކާރުން އަޅާފައިވާ ހިޔާ ފްލެޓްތަކުގެ މަހު ކުލި ކުޑަކޮށްދިނުމަށް އެދި ހިޔާ ޔޫނިއަންއިން ރައީސް އޮފީހާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުގެ މަހު ކުއްޔަކީ މަހަކު 7،500ރ. އެވެ. އަދި ފުލެޓްގެ މެނޭޖްމަންޓް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ނަގާނެއެވެ. ނަމަވެސް ކުރީ ސަރުކާރުގައި އެއަގު ކަނޑައަޅާފައިވަނީ ޖުމުލަ 6،600ރ. އަށް ކަމަށް އެސަރުކާރުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންވަނީ ވިދާޅުވެފައެވެ.
ކުރީގެ ހައުސިންގ މިނިސްތަރު އަދި މިހާރުގެ މާލޭގެ މޭޔަރު ޑރ މުއިއްޒުވަނީ ފްލެޓްގެ އަގު 5،500ރ އަށް ކުޑަކޮށްދިނުމަށް ސަރުކާރުގައި އެދިވަޑައިގެންފައެވެ.
ހިޔާ ޔޫނިއަނުން ރައީސް އޮފީހާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި 5600ރ. އަށް މަހު ކުލި ހަމަޖެއްސުމަށާއި، އިންޓީރިއާ ފިނިޝިންއަށް ދޭ ގްރޭސް ޕީރިއެޑް 12 މަހަށް ހެދުމުގެ އިތުރުން، ފްލެޓްގެ އިންޓީރިއާ އަށް ހަރަދުވާ އަގު ޖުމްލަ އަގުން 100،000ރ. މައާފް ކޮށްދިނުމަށް ވަނީ މަޝްވަރާކޮށްފައެވެ.
ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީއާ އެކު ބޭއްވި ބައްދަލުވުމުގައި ހިޔާ ޔޫނިއަންގެ ކަންބޮޑުވުންތަށް ވީހާވެސް އަވަހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހިއްސާކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ޔޫނިއަނުން ބުނެއެވެ.
ފްލެޓްތަކުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ނައިބް ރައީސް ފައިސަލް ނަސީމްއާ، ބައްދަލުކުރުމަށްވެސް ޔޫނިއަނުންވަނީ ނިންމާފައެވެ.
ހިޔާ ފްލެޓްތަކުގެ އެގްރީމެންޓްގައި މި މަހުގެ 14 ވަނަ ދުވަހު ސޮއިކުރަން ފަށާނެއެވެ. ދުވާލެއްގެ މައްޗަށް ސޮއިކުރާނީ 300 މީހުންގެ އެގްރީމެންޓްގައެވެ. ފްލެޓްތަކަށް ކަރަންޓުލުމުގެ މަސައްކަތް އެ ދުވަހަށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެއްވެސް މައްސަލައަކާ ހުރެ ކަރަންޓުގެ ހިދުމަތް ދިނުމަށް ލަސްތަކެއް މެދުވެރިވެއްޖެ ނަމަ، ގްރޭސް ޕީރިއަޑްގެ ގޮތުގައި ދެވޭ ތިން މަސް ފެށޭނީ ކަރަންޓުގެ ހިދުމަތް ދެވުމުން ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

