އައްޑޫގައި ހިންގާ ފްލައިން ސްކޫލް ގަނެ އެތަން ހިންގުމަށް ހަވާލުވުމުގެ ގޮތުން ބޭއްވި ޖަލްސާގެ ތެރެއިން : ފޮޓޯ/ އެވިޑް ކޮލެޖް

އައްޑު ފްލައިންސްކޫލް ހިންގުމަށް "އެވިޑް ސްކޫލް އޮފް އޭވިއޭޝަން" އިން ތައްޔާރުވެއްޖެ

އައްޑު ފްލައިންސްކޫލް ހިންގުމަށް "އެވިޑް ސްކޫލް އޮފް އޭވިއޭޝަން" އިން ތައްޔާރުވެއްޖެ

އައްޑޫގައި ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) ހިންގުމަށް އެވިޑް ކޮލެޖުން އެތަން ހިންގުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައްޑުގައި ހިންގާ ފްލައިން ސްކޫލްގެ ދަރިވަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެ އެސްކޫލުގެ ކަންކަން ބޮއްސުންލައިގެން ދިއުމުގެ ސަބަބުން ސިވިލް އޭވިއޭޗަން އޮތޯރިޓީންވަނީ ފްލައިން ސްކޫލުގެ ހުއްދަ ބާތިލުކޮށްފައެވެ.

އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެވިޑް ކޮލެޖުން އެއެކަޑަމީ ގަނެ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވިޑް ކޮލެޖުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި އެވިޑް ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދެވެ. އެއޭއޭގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަވަމުން މުޝްތާގް ވިދާޅުވީ އެވިޑު ކޮލެޖުން ފްލައިން ސްކޫލް ހިންގާނީ "އެވިޑް ސްކޫލް އޮފް އޭވިއޭޝަން" (އަސާ)ގެ ނަމުގައި ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުޝްތާގު ވިދާޅުވީ، އެންމެ ބޮޑު އަމާޒަކީ އެސްކޫލްގައި މިހާރުވެސް ކިޔަވަމުންއަންނަ 170 ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި އެކަންބޮޑުވުންތައް ހައްލު ކުރުމުގެ މަސައްކަތް ކުރުން ކަމަށާއި ދަރިވަރުންގެ އަޑުއަހައި ކަންކަން އިހުނަށްވުރެ ރަނގަޅަށް ކުރިއަށް ގެންދިއުން ކަމަށެވެ.

އޭގެ އިތުރުން މުޝްތާގު ވިދާޅުވީ ފްލައިން ސްކޫލެއް ހިންގުމަށް ފުރުސަތު ލިބުނު ހަމައެކަނި ދިވެހި ކޮލެޖަކަށް އެވިޑް ކޮލެޖުވުމަކީ ފަހުރުވެރިވާ ކަމެއްކަމަށާއި، އަދި މިއަދަކީ އެކޮލެޖަށް ވަރަށް ހާއްސަ އަދި ތާރީހީ ދުވަހެއް ކަމަށެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މިހާރު އެއޭއޭގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ މުދަލެއް އެވިޑް ކޮލެޖްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށާއި އަދި މިހާރު ކުރެވެމުން އަންނަ މަސައްކަތްތަކާ އެކީ އިންތިގާލީ މަރުހަލާއަށް ހަމަސްދުވަސް ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މުޝްތާގު ވިދާޅުވިއެވެ. އެހެން ނަމަވެސް އެއަށްވުރެ ކުރިން މިމަރުހަލާތައް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މުޝްތާގު ވިދާޅުވިއެވެ.

މުޝްތާގު ވިދާޅުވީ މިހާރު އެ ސްކޫލުގައި ތިބި ދަރިވަރުންގެ ކިޔެވުން މި އަހަރު ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *